ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން މާލޭގައި ފެންބޮޑުވެ، ހާލުގައި ޖެހުނު އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށް ހިތާމަކުރައްވާ ކަމަށެވެ.
"މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން މާލޭގެ ގިނަ ރައްޔިތުންނަށް ދިމާވި ދަތި އުނދަގުލަށް ހިތާމަކުރެމެވެ. އަދި ހާލުގައި ޖެހުނު އާއިލާތަކަށް އަޅުގަނޑު ހަމްދަރުދީ ވަމެވެ..،" ރައީސް ސޯލިހު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާއި ފުލުހުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތަކާއި މޯލްޑިވްސް ރެޑް ކްރެސެންޓް އަދި އާންމު ފަރުދުން، މަގުތަކުގައި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި އެމްއެންޑީއެފްއާއި ރެޑް ކްރެސެންޓާއި ފުލުހުން އަދި އެކަމުގައި އެހީތެރިކަން ފޯރުކޯށްދެމުންގެންދާ އާންމު ފަރުދުންނަށް ޝުކުރު ދަންނަވައިފައެވެ.