ޚަބަރު

ޑޮކްޓަރަށް އަލުން ނުދައްކައި އައިޖީއެމްއެޗުން ބޭސް ސިޓީ އާ ކޮށްދެނީ

ލޮކްޑައުންގެ ހާލަތުގައި ޑޮކްޓަރަށް ނުދައްކާ ބޭސް ސިޓީ އާކުރަން ބޭނުންވާ މީހުންނަށް އައިޖީއެމްއެޗުން ބޭސް ސިޓީ އާ ކޮށްދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުން މައުލޫމާތު ދިން ގޮތުގައި ބޭސް ސިޓީ އާކުރަން ބޭނުންވާ މީހުން އެކަމަށް އެދި އެ ހޮސްޕިޓަލުން ކަނޑައަޅާފައިވާ ނަންބަރަށް މެސެޖު ކުރުމުން އެކަން ހަމަޖައްސައިދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ބޭސް ސިޓީ އާކުރުމަށް ބޭނުންވާ މީހުން މެސެޖު ކުރާނީ އެ ހޮސްޕިޓަލުގެ ނަންބަރު 7942403 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އެސްއެމްއެސް ކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އާއި ރޭގަނޑު 12:00 އާއި ދެމެދު އެވެ.

އައިޖީއެމްއެޗުން މައުލޫމާތުދިން ގޮތުގައި މި ގޮތަށް ބޭސް ސިޓީ ދޫކުރުމަށް ނިންމާފައިވަނީ ފާއިތުވި ހަތަރު މަހުގެ ތެރޭ އައިޖީއެމްއެޗަށް ދައްކާފައިވާނަމަ ކަމަށެވެ. އަދި ވީހާވެސް އަވަހަކަށް ބޭސް ސިޓީ އާކުރުމަށް އެންމެ ފަހުން ދޫކުރި ބޭސް ސިޓީގެ ފޮޓޯ އެ ނަންބަރަށް ފޮނުވުމަށް އައިޖީއެމްއެޗުން އެދިފައިވެއެވެ.