ޚަބަރު

ކޮވިޑާ ގުޅިގެން ރަމަޟާން މަހުގެ ހަނދު ފެނިއްޖެކަމަށް ފޯނު މެދުވެރިކޮށް ހެކި ބަސް ނެގޭނެ ގޮތް ހަމަޖައްސައިފި

ކޮވިޑް 19 އާއި ގުޅިގެން މިއަހަަރުގެ ރަމަޟާން މަހުގެ ހަނދު ފެނިއްޖެކަމަށް ފޯނުމެދުވެރިކޮށް ހެކި ބަސް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބުނެފިއެވެ.

ޑީޖޭއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ފާއިތުވި އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދެވޭނެ އިންތިޒާމު، ރަށުގައި ނަމަ، މެޖިސްޓްރޭޓް ކޯޓުގައި އަދި މާލޭގައި ނަމަ އެ ޑިޕާޓްމަންޓުގައި ހަމަޖެހިފައިވާނެ ކަމަށެވެ.

ނަމަވެސް މިދުވަސްވަރަކީ ކޮވިޑް 19 އާ ގުޅިގެން އޮފީސްތައް ނުހުޅުވާ ދުވަސްތަކަކަށްވާތީ ހަނދު ފެނިއްޖެކަމަށް ހެކިބަސް ދޭން ބޭނުންވާ ނަމަ ރަށެއްގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓު ކޯޓުން އާންމުކޮށްފައިވާ ގޮތަށް އަމަލު ކުރުމަށް އިއުލާނުގައި ވެއެވެ.

މާލޭގައި ނަމަ އެ މައުލޫމާތެއް ހިއްސާ ކުރަން ޖެހޭނީ 7704777 ނަންބަރު ފޯނަށް ގުޅައިގެންނެވެ. ޑީޖޭއޭ އިން ބުނީ، އެ މައުލޫމާތު ހިއްސާކުރުމުން އެ ޑިޕާޓްމަންޓުން އަންގާ ގޮތެއްގެ މަތީން މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދިނުމަށް އެދޭ ކަމަށެވެ. އަދި ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި މިސްރާބާއި އަދި އެނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ޑީޖޭއޭގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ، ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް އަންނަ ބުދަ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން އިރުއޮއްސި 7:30 އަށް އެ ޑިޕާޓްމަންޓާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.