ޚަބަރު

އުލިގަމުން ޕޮޒިޓިވްވި މީހާ ސީޕްލޭންގައި އައިސޮލޭޝަނަށް ގެންދަނީ

މަރިޔަމް ޝަހުދާ

ހއ، އުލިގަމުން ކޮވިޑް 19 އަށް ޕޮޒިޓިވް ވި މީހާ މިއަދު އައިސޮލޭޝަނަށް ގެންދާނެ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވި މީހާ އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމަށް އެ ރަށަށް ސީޕްލޭނެއް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދު 12ގެ ފަހުން އޭނާ ރަށުން ފުރުވާލެވޭނެ ކަމަށް ބެލެވޭ ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ އެމީހާ ރަށަށް އެރުމަށްފަހު ހުރީ އައިސޮލޭޝަންގައި ކަމަށެވެ. ނަމަވެސް މާލެއިން ރަށަށް ދިޔަ ބޯޓުގައި އެކި މީހުންނާ ކޮންޓެކްޓު ވެފައިވާ ކަމަށާއި، ރަށަށް ޑިންގީގައި ފޭބި އިރުވެސް ރަށުގެ ބައެއް މީހުންނާ ކޮންޓެކްޓު ވެފައިވާ ކަމަށެވެ. އަދި އެމީހުން ފާހަގަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރަށަށް ފޭބުމަށްފަހު އެމީހާ ހުރީ "ސެލްފް އައިސޮލޭޝަން" ގައި ކަމަށް މުއާޒު ވިދާޅުވިއެވެ.

އުލިގަމުން އިއްޔެ ކޮވިޑް 19 އަށް ޕޮޒިޓިވް ވި މިމީހާ އަކީ މިހާތަނަށް އަތޮޅުތެރެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.