ޚަބަރު

ސިއްހީ ހިދުމަތްތެރިން ވަޒީފާއަށް ނުފޮނުވަން ބައެއް ފަރާތްތަކުން ބާރުއަޅާ، މިއީ ކޮށްގެންވާނެ ކަމެއްނޫން: އަފްއާލް

އައިދާ އަބްދުލް ހަކީމް

ސިއްހީ ހިދުމަތްތެރިން މަސައްކަތު ނުފޮނުވަން ބައެއް ފަރާތްތަކުން ބާރު އަޅަމުންދާ ކަމަށް ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވެއްޖެއެވެ.

އަފްއާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިއްހީ އެހީތެރިން ވަޒީފާއަށް ނުފޮނުވުމަކީ އަދި ވަޒީފާއަށް ނުދިއުމަށް ބާރު އެޅުމަކީ ގައުމު މިއޮތް ހާލަތުގައި އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަފްއާލް ވަނީ ސިއްހީ އެހީތެރިން ވަޒީފާއަށް ފޮނުވައިދިނުމަށް އެދިފައެވެ. އަދި އެހެން މީހުން ގޭގައި ތިބުމަށް ވެސް އަފްއާލް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ސިއްހީ ދާއިރާގައި ކުރިން މަސައްކަތްކޮށް މިހާރު ރިޓަޔާ ކޮށްފައިވާ މީހުންވެސް ސަރުކާރުގެ އިދާރާތަކާއެކު މިދަނޑިވަޅުގައި މަސައްކަތް ކޮށްދިނުމަށް ރަޖިސްޓަރީވުމަށް ސަރުކާރުން ވަނީ އެދިފައެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި މެޑިކަލް ކިޔަވަމުން އަންނަ ދަރިވަރުން ވެސް ރާއްޖެ ގެނެސް ކޮވިޑް 19 އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.