ސިޓީ ކައުންސިލްތަކުގެ ޒިންމާއިން ދައުލަތުގެ އެކި ވުޒާރާތަކަށް މީގެ ކުރިން ނަންގަވާފައިވާ މުހިންމު މަސައްކަތްތަކެއް އަލުން އަނބުރާ ކައުންސިލްތަކަށް ދީފިއެވެ.
އިއްޔެ ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ކައުންސިލްތަކަށް ބާރުތައް ދިނުމަށް ނިންމާފައިވާއިރު ކައުންސިލްތައް ބާރުވެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅުގައި ހިމެނޭ ކަމެކެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން ސިޓީ ކައުންސިލަށް އަނބުރާ ދިން ބާރުތަކުގެ ތެރޭގައި މިނިސްޓްރީން ކަނޑައަޅާގޮތުގެ މަތީން ބިން ދޫކުރުމާއި އިމާރާތްތައް ރެޖިސްޓްރީ ކުރުމާއި މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބެލެހެއްޓުމާއި ބިންބިމާ ގުޅޭ ރިކޯޑްތައް ބެހެއްޓުން ހިމެނެއެވެ.
ކައުންސިލްތަކުގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި، ކައުންސިލްތަކުގެ އުޅަނދުފަހަރާއި މަގުތަކާއި ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުމާއި، ސިޓީތަކުގެ މަގުތައް ހެދުމާއި، މަގުތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި، ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުމުގެ ބާރުވެސް ސިޓީ ކައުންސިލް އަށް ވަނީ ދީފައެވެ.
ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުމާއި، މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި، ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ ބާރުވެސް ވަނީ ސިޓީ ކައުންސިލަށް ދޫކޮށްލާފައެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސިޓީ ކައުންސިލަށް އަނބުރާ ދިނުމަށް ހަމަޖެހިފައިވާ ބާރުތަކުގެ ތެރޭގައި ގަބުރުސްތާން ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން ހިމެނެއެވެ.
އިންފްރަސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސިޓީ ކައުންސިލަށް އަނބުރާ ދިނުމަށް ހަމަޖެހިފައިވާ ބާރުތަކުގެ ތެރޭގައި ސިޓީތަކުގައި ހިމެނޭ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި، ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
ސިޓީ ކައުންސިލްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބާރުތައް އަދާކުރަމުން ގެންދާނީ، އެކަމަކާ ގުޅުންހުރި މިނިސްޓްރީއަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ވަޒީރުން ވަނީ އެއްބަސްވެފައެވެ.