ޑޮކްޓަރަށް ދެއްކުމުންދޭ ބޭސް ސިޓީގައި ހުންނަން ޖެހޭ މައުލޫމާތު ހުރިތޯ ރަނގަޅަށް ޔަގީން ކުރުމަށް އެސްޓީއޯއިން އިލްތިމާސްކޮށްފިއެވެ.
އެޓީއޯއިން ބުނީ އެމީހެއްގެ ފުރުހަމަ ނަމާއި، ދާއިމީއެޑްރެސް، އައިޑީކާޑު ނަންބަރު އަދި އުމުރާއި ޖިންސު ރަނގަޅަށް ލިޔެފައި ވޭތޯ ޗެކް ކުރުމަށް އެދޭކަމަށެވެ. އަދި ބޭހުގެ ބާރުގަދަ މިނާއި ބޭސް ބޭނުންކުރަންވީ މުއްދަތު އަދި ޑޯޒް ބަލަންވާނެ ކަމަށެވެ.
ބަލިމީހާ ފަރުވާހޯދި ހޮސްޕިޓާ ނުވަތަ ސިއްހީ ފަރުވާ ހޯދާ މަރުކަޒުގެ މައުލޫމާތާއި ބަލީގެ މައުލޫމާތު ނުވަތަ ޑައިގްނޯސިސް އެނގުން މުހިއްމު ކަމަށާއި ބޭސް ސިޓީ ލިޔެފައިވާ ޑޮކްޓަރުގެ ނަމާއި ސޮއި، މަގާމު އަދި ސްޓޭމްޕް ޖަހާފައިވޭތޯ ވެސް ޔަގީން ކުރަން އެސްޓީއޯއިން ވަނީ އެދިފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުން ގެންނަން ބޭނުންވާ ހާއްސަ ބޭސްތަކުގެ ބޭސް ސިޓީ ހުށަހަޅާއިރު ބައެއް ކަންތައްތައް ބެލުމަށް ވެސް އެސްޓީއޯއިން ވަނީ އެދިފައެވެ.
އެގޮތުން ބޭސް ބޭނުންވާ ތާރީހުގެ ދެ ހަފުތާ ކުރިން އެންމެ ކައިރީގައިވާ އެސްޓީއޯގެ ބޭސްފިހާރައަކަށް ނުވަތަ ވައިބާ މެދުވެރިކޮށް ބޭސް ސިޓީ ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ހަމަހުގެ މުއްދަތަށް ބޭސް ލިޔެދީފައިވާނަމަ ބަލިމީހާގެ މެޑިކަލް ރިކޯޑް ނުވަތަ މެޑިކަލް ހިސްޓްރީ ބޭނުންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ބޭސް ލިބުމުން ބޭސް ސިޓީ ހަވާލުކުރި ފަރާތަށް ގުޅާނެ ކަމަށާއި ބަލައި އަންނައިރު ބޭސް ސިޓީ އަދި އައިޑީކާޑުގެ އަސްލު ނުވަތަ ކޮޕީއެއް ގެންދިއުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ބޭސް ސިޓީ އަކީ ލިޔެފައިވާ ތާރީހުން ފެށިގެން ތިން މަހުގެ މުއްދަތު ހަމަނުވާ ބޭސް ސިޓީއެއް ކަމުގައިވާން ޖެހޭނެ ކަމަށާއި ބަލިމީހާގެ، ދެފުށް ފެންނަ އައިޑީކާޑުގެ ކޮޕީއެއް ހުށަހެޅުމަށް ވެސް އެސްޓީއޯއިން ވަނީ އެދިފައެވެ. އެކުންފުނިން ބުނީ ވައިބާ 7922035 މެދުވެރިކޮށް ހުށަހަޅާއިރު ހުރިހާ ލިޔެކިޔުންތަކުގެ ސާފު ކޮޕީ ހުށަހަޅަން ވާނެ ކަމަށެވެ.