ކޮވިޑް 19އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ޓީމަށް މައުލޫމާތު ނުދޭނަމަ އެ މީހަކަށް އޮތް އިހްތިޔާރަކީ އެ މައުލޫމާތެއް ދިނުން ނުވަތަ ޖަލަށް ދިއުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ މިހެން ވިދާޅުވީ، މާލެއިން ފުރަތަމަ ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހާ (ކޭސް 21)އާ ސީދާ ދިމާވި މީހުންގެ ތެރެއިން އެކަކު ކޮންޓެކްޓް ޓްރޭސިންގެ ޓީމަށް އެއްބާރުލުން ދެމުން ނުދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއިއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު މިއަދު ވިދާޅުވެފައިވަނިކޮށެވެ.
މަބްރޫކު ވިދާޅުވި ގޮތުގައި އެމީހާގެ ފަރާތުން މައުލޫމާތެއް ހޯދުމަށް ފުލުހުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިރެއާ ހަމައަށް އެ މީހާ މައުލޫމާތު ނުދޭނަމަ އެމީހާގެ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޝަމީމު ވިދާޅުވީ، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަކީ މިވަގުތު ވަރަށް ބާރުގަދަ ބޭފުޅެއް ކަމަށާއި މި ހާލަތުގައި އިދާރާތަކަށް އެއްބާރުލުން ނުދޭ މީހުންގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު އޭނާއަށް ލިބިފައިވާ ކަމަށެވެ. އަދި ނަން ހާމަކުރާ ހިސާބުން އެކަން ޖިނާއީ ކުށަކަށްވެ، ފުލުހުންގެ އެ މައްސަލައިގެ ތެރެއަށް ވަންނާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.
"(އެއަށްފަހު) ފުލުހުން އާންމުކޮށް ކުރާ ތަހުގީގެއް ފަށައި އެ މީހާގެ ފޯނުގައި ހުރި މައުލޫމާތު ބެލުން ފަދަ ކަންކަން ކުރާނެ. އޭގެން އެ މީހާ ދިޔަ ތަންތަނާއި ބައްދަލުވި މީހުންނާއި އެހެނިހެން މައުލޫމާތު އެނގޭނެ. ފުލުހުން ހޯދާ އެމައުލޫމާތަށް އެމީހާ ދެކޮޅު ހަދާ ހިސާބުން ފުލުހުން އޭނާގެ މައްޗަށް ގާނޫނުލް އުގޫބާތުގެ ދަށުން ގިނަ ދައުވާތަކެއް ކުރެވި، އަހަރަކަށް ވުރެ ގިނަ ދުވަހަށް ޖަލަށް ދާން ޖެހޭނެ،" ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ފުލުހުންނަށް ބޭނުންވާނީ އެ މީހާ ދޮގު ހެދިތޯ ނުވަތަ ނޫންތޯ އެކަނި ކަމަށެވެ. އަދި ދެން އެމީހަކަށް އޮންނާނީ އެ މައުލޫމާތެއް ހާމަކުރުން ނުވަތަ ޖަލަށް ދިއުން ކަމަށް ވިދާޅުވިއެވެ.