ޚަބަރު

ގައިދީންނަށާއި ބަންދުމީހުންނަށް، އޮންލައިންކޮށް ފައިސާ ފޮނުވޭނެ ގޮތް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން އާއިލާތަކުގެ ފަރާތުން ޖަލުތަކުގައި ތިބި ގައިދީންނަށާއި ބަންދު މީހުންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ކަރެކްޝަން ސާވިސް އިން ހަމަޖައްސައިފިއެވެ.

ކަރެކްޝަން ސާވިސް އިން ބުނީ ގައިދީންނާއި ބަންދުމީހުންނަށް، އޮންލައިންކޮށް ފައިސާ ފޮނުވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލަށް މާދަމާ އަމަލުކުރަން ފަށާނެ ކަމަށެވެ. އަދި އެ ސާވިސްގެ ވެބްސައިޓްގައި އެ އުސޫލު ވަނީ ޝާއިއުކޮށްފައިވާ ކަމަށެވެ.

އެ ސާވިސް އިން ބުނީ އޮންލައިންކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގުސަދަކީ، ކޮވިޑް 19 އާ ގުޅިގެން މިހާލަތުގައިވެސް ޖަލުގައި ތިބޭ ފަރާތްތަކަށް ކެންޓީނު މެދުވެރިކޮށް ގަންނަން ބޭނުންވާ ތަކެތި ގަތުމަށްޓަކައި، އެ ފަރާތްތަކުގެ އާއިލާއިން ފައިސާ ފޮނުވުމުގެ ކަންތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

މި އުސޫލުގެ ދަށުން އޮންލައިންކޮށް ފައިސާ ފޮނުވުމަށް ހަމަޖައްސާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް ނުވަތަ އޭގެ ސްކްރީންޝޮޓް، ފައިސާ ލިބެންވި ގައިދީ ނުވަތަ ބަންދު މީހާގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރާއި ފައިސާ ފޮނުވި ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރުގެ އިތުރުން ފޮނުވި ފައިސާގެ އަދަދާއި ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގެ ނަން ބަޔާންކޮށް [email protected] އަށް އީމެއިލް ކޮށްދިނުމަށް ކަރެކްޝަނުން ވަނީ އެދިފަ އެވެ.

އެ ހުރިހާ މައުލޫމާތާއެކު ފައިސާ ފޮނުވިކަމުގެ އީމެއިލް ފޮނުވުމުން، ފައިސާ ލިބުނުކަން ކަށަވަރުކޮށް، ފައިސާ ލިބުނުކަމުގެ ރަސީދު އެފަރާތަކަށް ފޮނުވާނެ ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.