ޚަބަރު

ގޭގެއަށާއި ފިހާރަތަކަށް ފެން ވަންނަނީ، މެޓުން ބުނަނީ ވާރޭ ހުއްޓާނެ އިރެއް ނޭނގޭ ކަމަށް

އަހުމަދު ޖައިޝަން

މާލެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގޭގެއަށް ފެން ވަންނަމުންދާއިރު ވާރޭ ހުއްޓާނެކަމަށް ލަފާކުރެވޭ އިރެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް)އިން ބުނެފިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ވާރޭ ވެހުން ހުއްޓާނެ ވަގުތެއް ލަފާކުރަން އުނދަގޫ ކަމަށެވެ.

މިއަދު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ މާލޭގެ ގެތަކަށްވެސް ފެން ވަދެ އެކި ކަހަލަ ގެއްލުންތައް ދަނީ ލިބެމުންނެވެ. ގެތަކުގެ އިތުރުން ފިހާރަތަކަށްވެސް ދަނީ ފެން ވަންނަމުންނެވެ.

ގޭގެއިން ފެން ހިންދުމަށް އާންމުން މަސައްކަތް ކުރާއިރު ފުލުހުންނާއި ސިފައިންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައެއް ގެތަކާއި ފިހާރަތައް ކުރިމަތީގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.