ޖެންޑާ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޒައުފިޝާން އަބްދުﷲ ކަމާލުއްދީން މިއަދު އައްޔަންކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ޒައުފިޝާން އައްޔަންކުރީ މިއަދު ހެނދުނު މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
ޒައުފިޝާން އަކީ ޑިޕްލޮމާ އިން ނާސިން އާއި ބެޗްލާސް އޮފް ނާސިން އަދި މާސްޓާސް އޮފް ހެލްތު ސާވިސަސް މެނޭޖްމަންޓު ހާސިލްކޮށްފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ 2002 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސިއްހީ ދާއިރާގެ އިސް މަގާމުތަކެއް އަދާކުރައްވައިފައެވެ.
އެގޮތުން އެންމެ ފަހުން ހުންނެވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޑިރެކްޓަރުގެ މަގާމުގައެވެ. އަދި 2016 އިން ފެށިގެން އެ ހޮސްޕިޓަލުގެ ޒިންމާދަރުވެރިޔާގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެއެވެ.