ޑެލިވަރީ މެދުވެރިކޮށް ގެޔަށް ތަކެތި ގަންނަ އިރުވެސް ނަގުދު ފައިސާގެ ބަދަލުގައި އޮންލައިންކޮށް ފައިސާދައްކަން މިދުވަސްވަރު އިސްކަން ދިނުން މުހިންމު ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މިހާރުގެ ހާލަތު އޮތްގޮތުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަން ޖެހިފައިވާކަން މަބުރޫކު ފާހަގަ ކުރެއްވިއެވެ.
އެގޮތުން ޑެލިވަރީ ސާމާނު ގެއަށް ގެންނައިރު އެތަކެތި ގެއަށް ވެއްދުމުގައި ސަމާލު ވުމަށް މަބުރޫކު އިލްތިމާސް ކުރެއްވިއެވެ. އަދި އޮންލައިންކޮށް ފައިސާ ދެއްކުމަށް އިސްކަން ދިނުމަށް މަބުރޫކު އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުމަކަށް ނޫނީ އިތުރު މީހަކާ ދިމާވާނެ ގޮތަކަށް ނޫޅުމަށް މަބުރޫކު އިލްތިމާސް ކުރެއްވިއެވެ. އަދި ފިހާރަތަކަށް ނުދިއުމަށާއި ޑެލިވަރީއަށް ގެންނަ ތަކެއްޗާއި މެދު އަމަލު ކުރާ ގޮތާއި މެދުވެސް ސަމާލު ވުމަށް މަބުރޫކު އެދިވަޑައިގެންނެވިއެވެ.
މާލެއިން މިއަދު ފެނުނު އިތުރު ކޭސް ތަކަކާއެކު މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް 51 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން މާލެއިން ފެނިފައިވަނީ 31 ކޭސްއެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.