އިބްރާހިމް ޒަކީ
މިއަދު ރާއްޖެއަށް ވަނީ 6 ވެންޓިލޭޓަރު އައިސްފައި ކަމަށާއި އޭގެ ކުރީން ރާއްޖޭގައި 97 ވެންޓިލޭޓަރު ހުރި ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިހާރުވެސް 97 ވެންޓިލޭޓާ އެބަހުރި ކަމަށާއި، 77 އައިސީޔޫ އެނދު އެބަހުރި ކަމަށެވެ. އިތުރަށް މިހާރު ހޯދަނީ 135 އައިސީޔޫ ވެންޓިލޭޓަރު ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އޭގެ އިތުރުން 14 ޓްރާންސްޕޯޓަބްލް ވެންޓިލޭޓަރު ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށާއި، މިއަދު އައިސްފައިވާ ހަ ވެންޓިލޭޓަރުގެ އިތުރުން މިހަފްތާގެ ތެރޭގައި އިތުރު ވެންޓިލޭޓަރު ލިބޭނެ ކަަމަށެވެ.
މަބްރޫކު ވިދާޅުވީ މިމަހު 21، 22 އެ ހިސާބުގައި އިތުރު ވެންޓިލޭޓާ ލިބޭނެ ކަމަށެވެ. އޭގެ ތެރެއިން މެޑްޓެކާ ވެފައިވާ އެއްބަސްވުމުގެ ދަށުން ގެންނަ 18 ވެންޓިލޭޓަރު ބުދަ ދުވަހު ލިބޭނެ ކަމަށާއި ނާޑް ޕްރައިވެޓް ލިމިޓެޑުން ގެންނަ 20 ވެންޓިލޭޓަރު މިމަހު 28ގައި ލިބޭނެ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ މިހާރު ހުރި ވެންޓިލޭޓަރުތަކުގެ ތެރެއިން ބޮޑުބައެއް ބޭނުން ކުރެވޭނީ ކޮވިޑް 19ގެ ކަންތައްތަކަށް ކަމަށެވެ.