މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑަށް ޓެސްޓުކުރާ ސާމްޕަލް ނެގުމުގެ ވަސީލަތް ހުރިހާ އަތޮޅެއްގައިވެސް ހުންނާނެ: މަބްރޫކް

ކޮވިޑަށް ޓެސްޓުކުރާ ސާމްޕަލް ނެގުމުގެ ވަސީލަތް ހުރިހާ އަތޮޅެއްގައިވެސް ހުންނާނެ ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަން ބޭނުންވާ ސާމާނާއި އެކަަމަށް ތަމްރީނު ވެފައިވާ މީހުން ތިބޭނެ ކަމަށެވެ. ނަމަވެސް ރަށްރަށުން ނަގާ ސާމްޕަލްތައް ވެސް ޓެސްޓުކުރަނީ މާލެ ގެނެސް، އައިޖީއެމްއެޗުން ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އައިޖީއެމްއެޗް ލެބޯޓަރީގައި ޓެސްޓުކުރުމުގެ އިތުރު ކެޕޭސިޓީ ހެދުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޓެސްޓު ކުރުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަތޮޅުތަކުގައި ޓެސްޓު ކުރެވޭގޮތަށް އެކަން ބަދަލުކުރުމަށް ރާއްޖޭގައި އޮތް އިންފުރާންސްޓުރަކްޗާގެ ތެރެއިިން އެކަން ކުރެވޭނެ ގޮތަކަށް އޮތް ސްޓްރެޓަޖީއަކީ، ޓީބީ ޓެސްޓް ހެދުމަށް ގެނަސްފައި ހުރި ޖީންއެކްސްޕާޓް މެޝިންތަކަށް ލައްވާ ކާޓޭޖުތަކެއް ތައްޔާރުކޮށްގެން ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި އެތަކެތި ތައްޔާރު ކުރުމުގެ މަސައްކަތް ޑަބްލިޔުއެޗްއޯއިން ކުރަމުން އަންނަ ކަމަށާއި އޭގެން ވަކި އަދަދެއް ރާއްޖެއަށް ދިނުމަށް އެ ޖަމިއްޔާއިން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ އެތަކެތި ލިބުނުހާ އަވަހަކަށް ބޮޑެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ޓެސްޓުކުރުމުގެ ވަސީލަތްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ.