އިބްރާހިމް ޒަކީ
ކޮވިޑަށް ޓެސްޓު ކުރެވޭ 3000 އަށް ވުރެ ގިނަ ކިޓު މިވަގުތު އެބަހުރި ކަމަށާއި އިތުރު ކިޓުތައް ހަފުތާއެއް ތެރޭ ލިބޭނެ ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، މިވަގުތު ޕީސީއާރު ޓެސްޓު ކުރެވޭ 3500 ކިޓް އެބަހުރި ކަމަށެވެ. އަދި ބްލަޑްސާމްޕަލް ނަގަިއގެން ޓެސްޓް ކުރެވޭ 580 ކިޓް އެބަހުރި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އެހީގެ ގޮތުގައި ޗައިނާއިންނާއި، އަލީބާބާގެ ބާނީ އަދި ބިލިއަނަރު ޖެކް މާ ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ޓެސްޓް މިހަފްތާގެ ތެރޭގައި ލިބޭ ވަރުވާނެ ކަމަށާއި އެހީގެ ގޮތުގައި ޗައިނާ ސަރުކާރުން 10،000 ކިޓް އަދި ޖެކްމާ ވެސް 10،000 ޓެސްޓު ކިޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮވިޑް 19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަން ބޭނުންވާ ސާމާނާއި އެކަަމަށް ތަމްރީން ވެފައިވާ މީހުން ތިބޭނެ ކަމަށާއި ނަމަވެސް ރަށްރަށުންވެސް ނަގާ ސާމްޕަލް މާލެ ގެނަސްގެން ޓެސްޓު ކުރަނީ އައިޖީއެމްއެޗުގައި ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އައިޖީއެމްއެޗް ލެބޯޓަރީގައި ޓެސްޓުކުރުމުގެ އިތުރު ކެޕޭސިޓީ ބިލްޑު ކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ހަމަ އެއާއެކު ރާއްޖޭގެ އެކި ހިސާބުތަކުގެ ބޮޑެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ކޮވިޑް 19 އަށް ޓެސްޓް ކުރެވޭނެގޮތް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ބަދަލު ކުރުމަށް ރާއްޖޭގައި އޮތް އިންފްރާންސްޓްރަކްޗާ ތެރެއިިން އެކަން ކުރެވޭނެ ގޮތަކަށް އޮތް ސްޓްރެޓަޖީއަކީ، ޓީބީ ޓެސްޓް ހެދުމަށް ގެނަސްފައި ހުރި، ޖީންއެކްސްޕާޓް މެޝިންތަކަށް ލައްވާ ކާޓޭޖްތަކެއް ތައްޔާރުކޮށްގެން ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ އެތަކެތި ތައްޔާރު ކުރުމުގެ މަސައްކަތް ޑަބްލިއުއެޗްއޯއިން ކުރަމުން އަންނަ ކަމަށާއި އޭގެން ވަކި އަދަދެއް ރާއްޖެއަށް ދިނުމަށް ނިންމާފައިވާ ކަމަށާއި އެތަކެތި ލިބުނުހާ އަވަހަކަށް ބޮޑެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ޓެސްޓް ކުރުމުގެ ކެޕޭސިޓީ ގާއިމުކުރެވިގެންދާނެ ކަމަށެވެ.