ކޮވިޑް 21 އާއި ގުޅޭ އެކަކު ސައްހަ މައުލޫމާތު ނުދިން މައްސަލަ ފުލުހުންނަށް ފޮނުވާފައިވާ ކަމަށާ އޭނާ އެގޮތަށް މައުލޫމާތު ސިއްރުކުރާ ނަމަ މިރޭ އޭނާގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ކޮވިޑް ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ފެނުނު ކޮވިޑް 19އަށް ޕިޒިޓިވްވި މީހާ (ކޭސް 21)އާ ސީދާ ދިމާވި މީހުންގެ ތެރޭގައި، އޭނާގެ ކޮންޓެކްޓުތަކާއި ދިޔަ ތަންތަނާބެހޭ މައުލޫމާތު ދިނުމަށް އެއްބާރުލުން ނުދޭ މީހަކު ހުރިކަން ކޮވިޑް 19ގެ ކޮންޓެކްޓު ޓްރޭސިންގެ ޓީމަށް ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން އެމީހާގެ ފަރާތުން އެ މައުލޫމާތުތައް ހޯދުމަށް ފުލުހުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ މަސައްކަތަށް ވެސް އެއްބާރުލުންނުދީފިނަމަ މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމީހާއާބެހޭ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކޭސް 21ގެ ކޮންޓްރެކްޓު ޓްރޭސިންގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ނަމަވެސް އޭނާއާ ކޮންޓެކްޓް ވެފައިވާ ފަރާތަކުން އެންމެ ފުރިހަމަ ރަނގަޅު މައުލޫމާތު ދެމުން އަންނަ ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ކޮވިޑް 19 ޖެހުނު މީހާ މާލެއިން ފުރަތަމަ ފެނުމުން ފެށިގެން މިއަދާ ހަމައަށް އައިއިރު 52 މީހުން މިހާރު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިއަދު އެކަނިވެސް 16 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.