މިއަދު ޕޮޒިޓިވް ވި އިންޑިއާ ދެމީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތްކުރާ ދެ މީހުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ ހާލަތާގުޅޭ މައުލޫމާތު ދިނުމަށް އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިއަދު ކޮވިޑަށް ޕޮޒިޓިވްވި އިންޑިއާގެ ދެ މީހުންނަކީ ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރާ ދެ ޓެކްނީޝަނުން ކަމަށެވެ.
"ކޭސް 50 އަދި 51 މި ދެކޭސްއަކީ ބްރައިޓް ބްރަދާސްގައި މަސައްކަތްކުރާ ދެ އިންޓީރިއާ މީހުން. މި މީހުން ބައްޔަށް ޕޮޒިޓިވްވުމާއެކު މޮނީޓަރިންގެ ހާލަތަށް ގެންދަން ޖެހޭ ތަންތަން މޮނީޓަރިންގެ ހާލަތަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" މަބްރޫކް ވިދާޅުވިއެވެ.
އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ ދެމީހުންނަކީ އޭސީ މަރާމާރުކުރުމުގެ މަސައްކަތްކުރާ ދެމީހުން ކަމަށާއި އެހެންކަމުން އެ މަސައްކަތަށް އެމީހުން ގޮސްފައިވާ ގެތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އިންޑިއާގެ ދެ މީހެއްގެ އިތުރުން މިއަދު ވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ 13 މީހަކު ވެސް ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން ހަތް ވަނައަށް ޕޮޒިޓިވްވި މީހާ (ކޭސް 27)އާ ސީދާ ދިމާވެފައިވާ އެމީހުންނަކީ ލިލީ އެންޓަޕްރައިޒަސްގައި މަސައްކަތްކުރާ އަދި އެއް އެކޮމޮޑޭޝަނެއްގައި ދިރިއުޅެމުން އަންނަ މީހުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.