މިއަދު ޕޮޒިޓުވްވި ބަންގްލަދޭޝް 13 މީހުންނަކީ އެއް ތަނެއްގައި ދިރިއުޅޭ ބައެއް ކަމަށާއި އެއީ ލިލީ އެންޓަޕްރައިޒަސްގެ މުވައްޒަފުންތަކެއް ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް އެ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މާލެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވި 13 ބިދޭސީނަކީ މާލެއިން ހަތް ވަނަ އަށް ޕޮޒިޓިވްވި މީހާ (ކޭސް 27)އާ ސީދާ ދިމާވެފައިވާ ބައެއް ކަމަށެވެ. އަދި އެ އެމީހުންނަކީ ލިލީ ފިހާރައިގެ އިތުރުން އެކުންފުނީގެ ޑެލިވަރީގައި ވެސް މަސައްކަތްކުރާ ބައެއް ކަމަށް ވިދާޅުވިއެވެ.
"މި 13 މީހުންނަކީ ކޭސް 27އާ ގުޅުމެއް އޮތް ބައެއްް ކަމަށް އަޅުގަނޑުމެންނަށް މި ބެލެވެނީ. މި 13 މީހުންނަކީ ވެސް ލިލީ ކުންފުނީގައި މަސައްކަތްކުރާ 13 މީހުން އަދި އެއް އެކޮމޮޑޭޝަންގައި ތިއްބަވާ ބޭފުޅުން. އެހެންމަ އެ އެކޮމޮޑޭޝަން ބުލޮކް ވެސް ވަނީ މޮނީޓަރުންގެ ހާލަތަށް ގެންދެވިފައި،" މަބްރޫކް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ 13 މީހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މާލޭގެ ބައެއް ގެތަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.