ސެކިއުރިޓީޒް ވިއްކާފައިވާ ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޕޯޓް ޝާއިއުކުރަން ޖެހޭ މުއްދަތު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ(ސީއެމްޑީއޭ) އިން އިތުރު ކޮށްދީފި އެވެ.
އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނީ ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު)ގެ ދަށުން ނެރެން ޖެހޭ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓު މިމަހުގެ 30ގެ ނިޔަލަށް ޝާއިއުކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ކޮވިޑް 19 ފެތުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރެޑް އެލާޓަށް ބަދަލުކޮށްފައިވާތީ އެގަވާއިދުގެ 41 ވަނަ މާއްދާގެ ދަށުން، ފުރަތަމަ ކުއާޓަރުގެ ރިޕޯޓު ޝާއިއުކުރުމުގައި ލުއިގޮތް ހަމަޖެއްސައިދިނުމުގެ ގޮތުން، އަންނަ މަހުގެ 30ގެ ނިޔަލަށް ރިޕޯޓު ޝާއިއުކުރުމުގެ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށްފަހު އެ މުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުންކޮށްފައެވެ.