މާފުށި ޖަލު

ޖަލުގެ ހަމަނުޖެހުން ކޮންޓްރޯލްކުރީ ޕްރޮފެޝަނަލްކޮށް، އިތުރަށް ހުޝިޔާރުވާން ޖެހޭ: އަލީ ނަޒީރު

އިބްރާހިމް ޒަކީ

މާފުށި ޖަލުގަ ރޭ ހިނގި ހާދިސާ ކޮންޓްރޯލް ކުރުމުގައި ޖަލު އޮފިސަރުން އަމަލު ކޮށްފައި ވަނީ ކުރީފަހަރުތަކާ އަޅައި ބަލާއިރު ޕްރޮފެޝަނަލްކޮށް ކަމަށް މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގެ ޔުނިޓު 9 ގައި ތިބި ގައިދީންނަށް ކާންދިނުމަށްޓަކައި ރޭ އެ ޔުނިޓު ހުޅުވި ވަގުތު ބައެއް ގައިދީން ގަދަކަމުން ޔުނިޓުން ނުކުތް ހާދިސާގައި ވަނީ ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގައިފައެވެ.

މިހާދިސާއާ ގުޅިގެން ކުރެއްވި ޓުވިޓެއްގައި ސްޓޭޓް މިނިސްޓަރު ވިދާޅުވީ، މިހާތަނަަށް އެނގޭ ގޮތުގައި ރޭ ހިނގި ހާދިސާ ކޮންޓްރޯލްކުރުމުގައި ޖަލު އޮފިސަރުން އަމަލު ކޮށްފައިވަނީ ކުރިއަށްވުރެ ޕްރޮފެޝަނަލްކޮށް ކަމަށެވެ.

ނަމަވެސް "މިކަން ސާފުވާނީ އިންސިޑެންޓް ރިޕޯޓާއި ޔޫޒް އޮފް ފޯސް، ރިވިއު ކޮމިޓީގެ ރިޕޯޓް ލިބުމުން،" ކަމަށްވެސް އަލީ ނަޒީރު ވިދާޅުވިއެވެ.

އަލީ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން އިތުރަށް ހުޝިޔާރުވާން ޖެހޭ ކަމަށެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ރޭގެ ހާދިސާގައި ގައިދީއެއްގެ އިތުރުން ދެ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށެވެ.

އެހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އާއި، ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ރޭ ޖަލަށް ޒިޔާރަތް ކުރެއްވިއެވެ.

މިހާދިސާއާގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ "ކޮވިޑް 19 އާއެކު މުއައްސަސާތަކަށް ބާރު ބޮޑުވެ، ނާޒުކުވި ވަގުތު ޖަލު ހަލަބޮލި ކޮށްލަން ކުރި މަސައްކަތް ގައިދީންނާއި އޮފިސަރުންނަށް ބޮޑު ގެއްލުމެއްނުވެ ކޮންޓްރޯލް ވުމަކީ ﷲ ގެ ވާގިފުޅާއެކު އޮފިސަރުންގެ ކުޅަދާނަކަން،" ކަމަށެވެ.

އަދި ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޖަލު ބެލެހެއްޓުން ކަަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.