ސިއްހީ މައްސަލަތަކާ ގުޅިގެން ރައްޔިތުން ހުށަހަޅާ ޝަކުވާތައް ދުވަހުން ދުވަހަށް ބަލާނެ ނިޒާމެއް ހެލްތް މިނިސްޓްރީގައި ގާއިމް ކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީން ކުރަން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ މައްސަލަތަކާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވަރަށް ގިނަކަން ފާހަގަކުރެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭސް އެތެރެކުރުމާއި ބޭސް ފޯރުކޮށްދިނުމުގައި މިހާރު ގެންގުޅޭ ނިޒާމް އަލުން މުރާޖައާކޮށް އެނިޒާމު ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށެވެ.

އެގޮތުން ރާއްޖެއަށް އެތެރެކުރާ ބޭހުގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށާއި އަތޮޅުތަކުގެ ސިއްހީ ޚިދުމަތަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އަތޮޅުތަަކުގެ ރައްޔިތުންނަށް ދެމުން އަންނަ ސިއްހީ ޚިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ވެސް އަވަސްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އަތޮޅުތަކުގައި ހަދަމުންދާ ޓާޝަރީ ހޮސްޕިޓަލުތަކުގެ މަސައްކަތް ނިންމައި އަވަސް މުއްދަތެއްގައި ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.