ޚަބަރު

އެސްޓީއޯގެ އެމްޑީ އަމްރު އަމިއްލައަށް ހޯމް އައިސޮލޭޝަންގައި

އަލީ ޔާމިން

ކޮވިޑް 19އަށް ޕޮޒިޓިވްވި މީހަކާ، ކޮންޓެކްޓު ވެފައިވާ މީހަކާ ކޮންޓެކްޓުވުމާ ގުޅިގެން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު އަމިއްލައަށް އައިސޮލޭޓްވެވަޑައިގެންފިއެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާ ޑައިރެކްޓު ކޮންޓެކްޓުވި އެކަކީ އެސްޓީއޯގެ މުވައްޒެފެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވްވިއިރު އޭނާއާ ޑައިރެކްޓު ކޮންޓެކްޓުވި އެސްޓީއޯގެ މުވަައްޒަފު ހުރީ އޮފީސް ދަތުރެއްގައި ކ. ކާށިދޫގައެވެ. އެ ދަތުރުގައި އަމްރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެހެންކަމުން އެ މުވައްޒަފުގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން ކާށިދޫ މޮނިޓަރިންގެ ހާލަތަށްވެސް ގެންދިިޔައެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވް ވުމުން އެރަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކާ، އަމްރު ކޮންޓެކްޓުވެފައި ވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަމުރު ކަރަންޓީނު ކުރުމަށް މަސައްކަތް ކުރުމުން، އެކަމަށް އެބޭފުޅާ ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އާންމު ފަރާތަކުން ވަނީ ޓުވީޓެއްކޮށްފައެވެ.

އެ ޓުވީޓަށް ރައްދު ދެއްވަމުން އަމުރު ވިދާޅުވީ، މާލެއިން ފުރަތަމަ ބައްޔަށް ޕޮޒިވްވި ޕޭޝަންޓް 21 ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން، އެބޭފުޅާ ކަރަންޓީނަށް ވަޑައިގަންނަވަން އެޗްޕީއޭ އިން އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް ޕޭޝަންޓް 21، ބައްޔަށް ޕޮޒިޓިވްކަން އެނގުނު ހިސާބުން ސެލްފް އައިސޮލޭޝަންގައި ހުންނެވީ އެއްވެސް ޗާންސެއް ނުނަގަން ވެގެން ކަމަށް ވިދާޅުވި އެވެ.

އަމްރު ވަނީ މި ދަނޑިވަޅުގައި ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

މާލެއިން މިހާތަނަށް 15 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.