ޒަރޫރީ ބޭނުމަކަށް ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ފުލުހުންގެ ފަރާތުން ނަގާ ހުއްދަ މާދަމާ އިން ފެށިގެން ދޫކުރާއިރު ދެވޭނެ ވަކި ސަރަހައްދަކާއި ބޭރުގައި އުޅެވޭނެ ވަކި ގަޑިއެއް ކަނޑައަޅަން ނިންމައިފިއެވެ.
މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ މާލެ ސަރަހައްދަށް 14 ދުވަހުގެ ލޮކްޑައުންގެ ހާލަތު އިއުލާންކޮށްފައެވެ.
ނަމަވެސް ޒަރޫރީ ބޭނުމެއްގައި ބޭރަށް ނުކުންނަން ބޭނުންނަމަ މިހާލަތުގައި ފުލުހުންނަށް އެކަން އަންގައި ހުއްދައެއް ހޯދަން ޖެހެއެވެ. އެގޮތުން ކުރިން ފުލުހުން ހުއްދަ ދޫކުރަމުންއައީ އެކަމަށް އެދި ހުށަހަޅާ ފަރާތަކުން އެދޭ ކަމަކަށް ބެލުމަށްފަހު މާލޭގެ ކޮންމެ ހިސާބަކަށް ވެސް ދިއުމުގެ ހުއްދައެކެވެ.
ނަމަވެސް އެ ނިޒާމަށް ގެނައި ބަދަލުތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، މާދަމާ އިން ފެށިގެން ޒަރޫރީ ބޭނުމަކަށް މަގުމައްޗަށް ނުކުންނަން ހުއްދަ ދޭނީ ވަކި ސަރަހައްދަކަށް ވަކި ވަގުތެއް ވަންދެން ކަމަށެވެ.
އެކަމަށް ބޭނުން ކުރަން ޖެހޭނީ ކުރިން ވެސް ބޭނުން ކުރަމުން އަންނަ ފުލުހުންގެ ޕާމިޓް ޕޯޓަލް ކަމަށާއި އެ ޕޯޓަލް އަށް ވަދެ ފޯމެއް ފުރުމުން ކިއުއާރު ނަންބަރަކާއި އިތުރު ނަންބަރެއްގެ އިތުރުން ގެއިން ނުކުމެގެން ދެވޭނެ ސަރަހައްދަކާއި ގެއިން ނުކުމެގެން އުޅެވޭނެ ވަގުތެއް ބުނެފައި އިންނާނެ ކަމަށް ވިދާޅުވިއެވެ.
"މިގޮތަށް ހެދީމަ މަގުމަތީގައި އުޅޭ އުޅުން މަދުވެގެންދާނެ، އިޖްތިމާއީ ގައިދުރުކުރުމާއި ފިހާރަތަކަށް ވެސް ލުއިތަކެއް ލިބިގެންދާނެ،" ފައިރޫޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާދަމާ އިން ފެށިގެން މާލެ 26 ސެކްޓަރަކަށް ބަހާލާނެ ކަމަށެވެ. އަދި މާލެ ބަހާލުމުގައި ވެސް މާލޭގެ އާބާދީއަށާއި ފިހާރަތައް ހުރި ނިސްބަތަށް ބަލައިގެން ފަސޭހައިން މީސްމީހުންނަށް އެބޭނުންވާ އެއްޗެހި ގަތުމަށް ދެވޭނެ ގޮތެއް ފަހިކޮށްދިނުން އިސްކަންދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
"މަސައްކަތް ކޮށްފިން މި ލެވެލްއަށް ކޮންޓްރޯލް މެޝާސް ނުުގެނެސް މަގުމަތި ކޮންޓްރޯލް ކުރުމަށް. ބޮޑަށް މިވިސްނީ ޑެލިވަރީ ސިސްޓަމް އިތުރަށް ހަރުދަނާ ކޮށްގެން މިކަން ކުރަން. އެހެންނަމަވެސް ފާހަގަކުރެވުނީ މިހާތަނަށް 2788 ފަރާތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ އިޝޫ ކުރެވި އަދި އާންމު ބައެއް ކަހަލަ ހިދުމަތްތަކަށް ވެސް ފުރުސަތު ދެވިފައި އޮތްއިރުވެސް ހަމަ މަގުމައްޗަށް ނުކުންނަންޖެހޭ މީހުން ބޭރަށް ނުކުންނަންޖެހޭކަން،" އޭސީޕީ ފައިރޫޝް ވިދާޅުވިއެވެ.