ޚަބަރު

ކޮމަންވެލްތުގައި އަލުން ބައިވެރިވާން މަޖިލީހުން ފާސްކޮށްފި

އަހުމަދު ޖައިޝަން

ރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމަންވެލްތުގައި ބައިވެރިވުމަށް ފާސްކޮށްފައިވަނީ މަޖިލީހުގެ ވޯޓުގައި ހާޒިރުވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމަންވެލްތާ އަލުން ގުޅެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުން ނިންމައި އެކަން އިއުލާންކޮށްފައި ވަނީ މިދިޔަ މަހު 19 ގައެވެ.

ކޮމަންވެލްތާ ރާއްޖެއިން އަލުން ގުޅުމަކީ ރައީސް ސޯލިހުގެ ވެރިކަމުުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރެއްވުމަށް ކަނޑައަޅާފައިވާ ކަމެކެވެ.

ރާއްޖެ ކޮމަންވެލްތުން ވަކިވީ ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގައެވެ. އަދި އެ ޖަމިއްޔާއިން ރާއްޖެ ވަކިވީ އެކި ކަހަލަ ކަންތައްތަކުގައި ރާއްޖެއަށް ފިއްތުންތަކެއް ކުރިމަތިކުރުވާ ކަމަށް ބުނެއެވެ.

ކޮމަންވެލްތުން ވަކިވުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ކޮމަންވެލްތުން ވަކިވާން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި އަދި ކޮމަންވެލްތުން ރާއްޖޭގެ ކަންކަމާ ބެހި ބޭއިންސާފުން ފިޔަވަޅު އަޅަމުން ދިއުމަކީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ނިންމި ސަބަބު ކަމަށެވެ.

ކޮމަންވެލްތުގެ އިތުރުން ދިވެހި ސަރުކާރުން ގުޅުން ކަނޑާލާފައިވާ ގަތަރާއި އީރާނާއެކު އަލުން ގުޅުން ގާއިމުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވަނީ ކުރީން ވިދާޅުވެފައެވެ.