ޚަބަރު

ލަންކާއަށް ފޮނުވި ކެއާ ޕެކޭޖުތައް ހަވާލުކުރުމުގެ މަސައްކަތަށް ސަފީރު ވެސް ނުކުންނަވައިފި

4

ކޮވިޑް 19ގެ ސަބަބުން ބޭރުގެ ގައުމުތަކުގައި ދިރިއުޅެމުން އަންނަ ބައެއް ދިވެހިންނަށް ޒަރޫރީ ތަކެތި ލިބުމުގެ ދަތިތައް ކުރިމަތިވުމާ ގުޅިގެން އެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމަށް ސަރުކާރުން ހުޅުވާލި ކެއާ ޕެކޭޖް ފޮނުވުމުގެ ފުރުސަތުގައި ލަންކާ، އިންޑިއާގެ އިތުރުން މެލޭޝިއާ އަދި ތައިލެންޑަށް މިހާރު ވަނީ ތަކެތި ގެންގޮސްފައެވެ.

އެގޮތުން ލަންކާއަށް 622 ކެއާ ޕެކޭޖު ފޮނުވިއިރު އިންޑިއާގެ ޓްރިވެންޑުރަމަށާއި ކޮޗިންއަށް 144 ކެއާ ޕެކޭޖު ވަނީ ފޮނުވައިފައެވެ. އަދި އެ ދެގައުމަށް ފޮނުވި ކެއާ ޕެކޭޖުތައް އާއިލާތަކާ ހަވާލުކޮށް މިހާރު ވަނީ ނިންމައިފައެވެ. މި މަސައްކަތުގެ ތެރެއިން ލަންކާއަށް ފޮނުވި ކެއާ ޕެކޭޖުތައް ހަވާލުކުރުމުގައި ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާގު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "ވަން" އަށް ވިދާޅުވީ، ލަންކާއަށް ފޮނުވި ކެއާ ޕެކޭޖުތައް މިދިޔަ ހޮނިހިރު ދުވަހު އާއިލާތަކާ ހަވާލުކޮށް ނިމިފައިވާ ކަމަށެވެ.

އެގޮތުން އޭގެ ހަފްތާއެއްހާ ދުވަސްކުރިން ކޮޅުނބުގައި ދިރިއުޅޭ އާއިލާތަކަށް ޕެކޭޖުތައް ހަވާލުކޮށް ނިމުނުއިރު، ސަފީރު ވަޑައިގަތީ ބާކީހުރި ޕެކޭޖުތަކުގެ ތެރެއިން ކޮޅުނބުން ބޭރުގައި ހުންނަ ސިޓީތަކަށް ގެންދިއުމުގައެވެ.

މިއުވާން ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޕެކޭޖުތައް ހަވާލުކުރުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން ހައި ކޮމިޝަނުން ތަކެތި އުފުލި ކަމުގައި ވިޔަސް، ސަލާމަތާއި ރައްކާތެރިކަމަށް ލަންކާގައި އެކި ސަރަހައްދުތަކުގައި ޖަހާފައިވާ ޗެކް ޕޮއިންޓުތަކުގައި މަޑުކޮށް އުފުލަނީ ކޮންއެއްޗިއްސެއްތޯ ބަލައިހަދާ ކަމަށާއި އަދި ތަކެތި ހަވާލުކުރުމަށް ލިބެނީ ދުވާލުގެ ވަގުތު އެކަނި ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އޭގެ އިތުރުން ލަންކާގައި ދިވެހިން އުޅޭ ބައެއް ގެތަކަށް ހިމަ ގޯޅިގަނޑުގެ ތެރޭގައި ހުރުމާއި އެގެއަކަށް ގޮސް ފޯނު ނުނެގުންފަދަ މައްސަލަތައް ދިމާވި ކަމަށް މިއުވާން ވިދާޅުވިއެވެ. ނަމަވެސް ކޮޅުނބުގެ އިތުރުން ލަންކާގެ އެންމެ އުތުރުގައި އޮންނަ ޖަފްނާގައި އުޅޭ ދިވެހިންނާ ހަމައަށް ވެސް ގޮސް އެ މީހުންނާ ޕެކޭޖު ހަވާލުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ، މެލޭޝިއާގައި ކެއާ ޕެކޭޖު ހަވާލުކުރުމަށް ދިމާވީ ހަމަ އެއް ކަހަލަ ގޮންޖެހުންތަކެކެވެ. އެގޮތުން ހައިވޭގައި ގަޑި ދެގަޑިއިރު ވަންދެން މަޑުކުރަންޖެހޭ ކަމަށާއި ނަމަވެސް އެ އުދަނގޫތަކާއެކު މަދު ސްޓާފުންގެ ބުރަ މަސައްކަތުން އެގައުމަށް ފޮނުވި 452 ކެއާ ޕެކޭޖުގެ ތެރެއިން މިހާރު ހަވާލު ނުކުރެވިވަނީ 12 ވަރަކަށް ޕެކޭޖުކަން އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟