ޚަބަރު

މާސްކް އަަޅައި އަންގި ލައްވައިގެން، ގައިދުރުކޮށް ތިބެ ގޭގެ ތިރީބުރިޔާއި ހަމަޔަށް ޑެލިވަރީކުރަން އަންގައިފި

މާސްކް އަަޅައި އަންގި ލައްވައިގެން، ގައިދުރުކޮށް ތިބެ ގޭގެ ތިރީބުރިޔާއި ހަމަޔަށް ޑެލިވަރީކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ)އިން އަންގައިފި އެވެ.

އެޗްޕީއޭއިން މިކަން އަންގާފައިވަނީ ޑެލިވަރީ ކުރާ މީހުން އަމަލު ކުރުމަށް އެ އޮތޯރިޓީން ނެރުނު އުސޫލުގައެވެ.

އެގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑެލިވަރީ ކުރާ މީހުން މަސައްކަތް ކުރާ ހުރިހާ ވަގުތެއްގައިވެސް އަންގިއާއި މާސްކު ބޭނުން ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މަސައްކަތް ނިންމުމަށްފަހު މަސައްކަތު ގަޑީ ބޭނުން ކުރި މާސްކާއި އަންގި ނައްތައިލަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ޑެލިވަރީ ކޮށްދޭން ޖެހޭނީ ކޮންމެ ގެއެއްގެ ވެސް ގްރައުންޑް ފްލޯއަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ޑެލިވަރީ ކުރާ މުދާ އަތަށް ދިނުމުގެ ބަދަލުގައި ގްރައުންޑް ފްލޯގައި ބެހެއްޓުމަށްފަހު އެތާ މަޑު ނުކުރުމަށް އެޗްޕީއޭއިން އިރުޝާދު ދީފައި ވެއެވެ.

އެޗްޕީއޭއިން ބުނީ ޑެލިވަރީ ކުރާ މީހުން އިޖުތިމާއީ ގައިދުރުކަމަށް އިސްކަންދިނުން ލާޒިމު ކަމަށާއި ކޮންޓެކްޓުވާ އެއްވެސް މީހެއްގެ ހުމާއި ރޯގާގެ އަލާމާތެއް ހުރެއްޖެ ނަމަ މަސައްކަތަށް ނުނިކުމެ އެކަން ވީހާވެސް އަވަހަކަށް ރިޕޯޓު ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ކޮންޓެކްޓް ޓްރޭސިންގް ހަދާއިރު އެއްވެސް މީހަކާ ކޮންޓެކްޓުވެ ވެފައިވާކަން އެނގިއްޖެނަމަވެސް މަސައްކަތަށް ނުނިކުމެ އެކަން ރިޕޯޓު ކުރުމަށް އެޗްޕީއޭގެ އުސޫލުގައި ވެއެވެ. އަދި މޮނީޓަރުންގެ ހާލަތުގައިވާ ގެއެއް ނުވަތަ ކަރަންޓީނު ކޮށްފައިވާ އެއްވެސް ގެއަކަށް ޑެލިވާ ނުކުރުމަށް އެޗްޕީއޭގެ އުސޫލުގައި އަންގާފައި ވެއެވެ.

ޑެލިވަރީ ކުރުމަށް ނިކުންނަ މީހުންގެ އަމިއްލަ ގޭގެ އެއްވެސް މީހެއްގެ ފަރާތުން ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، ނުވަތަ ރޯގާ ޖެހިގެން އުޅޭ ނަމަވެސް މަސައްކަތަށް ނުނިކުތުމަށާއި ޑެލިވާ ކުރުމުގެ މަސައްކަތުގައި ޑަބަލް ސީޓު ކޮށްގެން ނޫޅެވޭނެ ކަމަށާއި، ޑެލިވަރީގެ މަސައްކަތަށް ނިކުންނަން ޖެހޭނީ އެކަނި ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައި ބުނެފައިވެ އެވެ.