އަލީ ޔާމިން
މާލެއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއެކު މާލެ ލޮކްޑައުންކޮށްފައިވާތީ، ޑޮކްޓަރަށް ދައްކަން ބޭނުންވާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އައިޖީއެމްއެޗުން އޮންލައިން ކްލިނިކްތަކުގެ އަދަދު އިތުރުކުރަން ނިންމައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި އިތުރު އޮންލައިން ކްލިނިކްތަކެއް ގާއިމްކުރުމަށް ހަމަޖައްސާފައިވާ ކަމަށާއި އެ ކްލިނިކުން ދުވާލަކު ކޮންމެ ޑިޕާޓުމަންޓަކުންވެސް 15-10 އާ ދެމެދުގެ އަދަދަކަށް ބަލި މީހުންނަށް ހިދުމަތް ދެވޭނެ ކަމަށެވެ.
އައިޖީއެމްއެޗުގެ ދެ ޑިޕާޓުމަންޓަކުން މިހާރުވެސް އޮންލައިން ކްލިނިކްގެ ހިދުމަތް ދެއެވެ. އެއީ:
އަންހެނުންގެ ބަލިތަކަށް ފަރުވާދޭ ޑިޕާޓުމަންޓް ( 8:30 އިން 12:00)
ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓުމަންޓް ( 10:00 އިން 12:00 )
އޮންލައިން ކްލިނިކްގެ ހިދުމަތް އަލަށް ފެށުމަށް ހަމަޖައްސާފައިވާ ޑިޕާޓުމަންޓްތައް:
ނާރުގެ ބަލިތަކާބެހޭ ޑިޕާޓުމަންޓް
ހިތުގެ ބަލިތަކާބެހޭ ޑިޕާޓުމަންޓް
އާންމު އޮޕަރޭޝަންތަކާބެހޭ ޑިޕާޓުމަންޓް
ކެންސަރު ބަލިތަކާބެހޭ ޑިޕާޓުމަންޓް
އެތެރެހަށީގެ ބަލިތަކާބެހޭ ޑިޕާޓުމަންޓް
ފުއްޕާމޭގެ ބަލިތަކާބެހޭ ޑިޕާޓުމަންޓް
ކިޑްނީގެ ބަލިތަކާ ބެހޭ ޑިޕާޓުމަންޓް
ކުޑަކުދިންގެ ބަލިތަކާ ބެހޭ ޑިޕާޓުމަންޓް
ކްލިނިކުން ހިދުމަތް ދޭނީ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަގެ ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ މި ކްލިނިކްތަކުން ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ވީޑިއޯ ކޯލްގެ ޒަރީއާއިން ކަމަށެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކުމަށް ރިކުއެސްޓް ކޮށްފައިވާ ތަރުތީބުން ހޮސްޕިޓަލުން ބަލިމީހުންނަށް ގުޅަމުން ގެންދާނެ ކަމަށާއި، އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3335335 ނަންބަރު ފޯނަށް ގުޅުން އެދޭ ކަމަށެވެ.