ޝަހީދާ އަބްދުﷲ ސައީދު
ހދ. ނޭކުރެންދޫއާއި، ހދ. ކޭލަކުނު ކުޅިއާއި، ހއ. ބާރަށު ކުޅިއަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ހއ. ބާރަށު ކުޅިއާއި، ހދ. ނޭކުރެންދޫ އަދި އެއަތޮޅުގައި އޮންނަ ފަޅު ރަށެއްކަމަށްވާ ކޭލަކުނު ކުޅި ހިމާޔަތް ކުރުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
ހޫދު ވިދާޅުވީ ކޭލަކުނާއި ނޭކުރެންދޫ އާއި ބާރަށުގެ ކުޅިހިމެނޭ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއް ކަމަށް ކަނޑައެޅުމުގެ މަޝްވަރާތައް ފަށާފައިވާއިރު، ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ މުހިންމު ވައުދު ތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ކަމަށެވެ.
ހޫދު ވިދާޅުވީ ފުރަތަމަ ތިން ރަށުގެ ކުޅި ހިމާޔަތް ކުރުމުގެ މަަޝްވަރާތައް ފަށާފައިވާއިރު، މުސްތަގުބަލުގައި އިތުރު ރަށްރަށުގައި ހުރި ކުޅިތައް ވެސް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރަކީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ސަރުކާރެއްކަން މިހާރު ހާމަކޮށްދެއްވައިފި ކަމަށާއި، އެގޮތުން ހުސްވި ހަފްތާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޕްލާސްޓިކް ފުޅިއާއި ކޮތަޅު ބޭނުންކުރުން ހުއްޓާލުމުގެ ކެމްޕެއިންއެއްވެސް ފައްޓަވާފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
މީގެއިތުރުން ހޫދު ވިދާޅުވީ މާލެތެރެ ސާފުކުރުމުގެ ހަރަކާތެއް އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށެވެ. އެހަރަކާތުގައި ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހޫދު ވިދާޅުވިއެވެ.