ޚަބަރު

ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

މުހައްމަދު އައުޒަމް

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ “ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް” ނިންމާލައިފިއެވެ.

ނޮވެމްބަރު މަހުގެ 24 ވަަނަ ދުވަހުން ފެށިގެން ޑިސެމްބަރ 3 ވަނަ ދުވަހުގެ ނިޔަލަށް ޓްރެފިކް ޕޮލިސްގެ ރޯޑް ސޭފްޓީ ޔުނިޓުން ކުރިއަށްގެންދިޔަ މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮތީ ޑިސެމްބަރ 3 ވަނަ ދުވަހުގެރޭ އިސްކަންދަރު ކޮށި މަލްޓި ޕަރޕަސް ހޯލްގައެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި ކޮށްދެއްވައި އަބްދުﷲ ޝަރީފް ވިދާޅުވީ މިޕްރޮގްރާމުގެ ސަބަބުން ދަސްވި އެއްޗެހީގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށާއި، އަދި ލިބުނު މައުލޫމާތު އެހެން ޑްރައިވަރުންނަށް ހިއްސާކޮށްދެއްވުމަށް، ހަމަ އެހެންމެ މީހުންގެ އަގު ބޮޑެތި ސާމާނުތައް ޓެކްސީއަށް ދޫކޮށްލެވިފައިދާ ކަމާއި އެފަދަ ތަކެތި އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު އޭގެ ވެރިފަރާތަށް ރައްދުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

މި ޕްރޮގްރާމް 70 ބައިވެރިޔަކު ފުރިހަމަ ކޮށްފައިވާއިރު، ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރެވެ.

ޓެކްސީ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުލުހުންނެވެ.