ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެނޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަކުރެވޭ ގޮތް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ޕާޓީތަކުގެ ޕްރައިމަރީތަކުގައި ބައިވެރިވެ އޭގެން ބަލިވުމުން އަމިއްލަގޮތުގައި ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަ ނުކުރެވޭނެ ގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ 23 ނޮވެމްބަރު 2016 ގައެވެ.
"ވަން އޮންލައިން" އަށް މައޫލޫމާތު ދެެއްވަމުން އަބްދުއްލަތީފް ވިދާޅުވީ ބިލް ހުށަހަޅާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕްރައިމެރީން ބަލިވާ ކެނޑިޑޭޓުންނަށް އެހެން ގޮތަކަށް އިންތިހާބުތަކުގައި ކުރިމަތި ނުލެވޭ ގޮތަށް ފާސްކޮށްފައި ވާތީ އެ އިސްލާހު ބާތިލުކުރުމަށް ކަމަށެވެ.
ޕާޓީތަކުން ބާއްވަނީ އިންސާފުވެރި ދެފުށް ފެންނަ ޕްރައިމަތީތަކެއް ކަން ބަލާނެ މެކޭނިޒަމެއް ނެތުމަކީ އެ ބިލް ހުށަހެޅުމުގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ގާނޫނު އަސާސީ އާއި ބައެއް ގާނޫނުތަކަށް ގެނައި އިސްލާހުތައް އުވާލާއިރު އެ އިސްލާހަކީވެސް ބައެއްގެ ހައްގަކާ ގުޅޭ މައްސަލައެއް ކަމަށެވެ.