އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ތިބި ސިއްހީ ހިދުމަތްތެރީންނަށް އަޅުގަނޑުމެން ދަރާފައިވާ މިންވަރު ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަހަރުގެ "މޯލްޑިވިއަން ޑޮކްޓާސް ޑޭ" އަޅުގަނޑުމެންނާ މި ބައްދަލުކުރީ ގައުމަށްޓަކައި ޑޮކްޓަރުން އެތައް ގުރުބާނީއަކާއެކު އަވަދިނެތި މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށެވެ.
މި ވަގުތު ޑޮކްޓަރުންގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ ރައްޔިތުން ކޮވިޑް 19 އިން ރައްކާތެރިކުރުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިއީ އެކަމަށްޓަކައި އަޅުގަނޑުމެން ޑޮކްޓަރުންނަށް ދަރާފައިވާ ކަމަށާއި، ޑޮކްޓަރުންގެ މަސައްކަތަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހުގެ ގެ ޓުވީޓުގައި ވަނީ ޑޮކްޓަރުންނަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ.