ހައިކޯޓު

އަލީ ހަމީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ބާތިލުކޮށްފި

އަހުމަދު ޖައިޝަން

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ހައިކޯޓުން ބާތިލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުއްވި އަމުރާ ގުޅިގެން، އަލީ ހަމީދު ހައްޔަރުކޮށް ފުލުހުންގެ ތަހުގީގަށް ފޯން ދިނުމަށް އެދުމުން އެކަމަށް ދެކޮޅު ހެދުމުން ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމެކެވެ.

ފޯނު ނުދެއްވި މައްސަލައިގައި އަލީ ހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އަލީ ހަމީދު ޖަލަށް ލުމަށް ހުކުމް ކުރުމާއެކު، އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވެސް ބާތިލް ކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލުގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ ދައުލަތުން ދޫކޮށްފައިވާ ނަމަ އެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ.

އަލީ ހަމީދުގެ އިތުރުން އެކެއް ފެބްރުއަރީގެ އަމުރުގެ ދަށުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލުމަށް ހުކުމް އިއްވި އެވެ. ނަމަވެސް ރައީސް މައުމޫންގެ ހުކުމް ވެސް ހައިކޯޓުން މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލައިގެ އިސްތިއުނާފްކުރުން ހައި ކޯޓުން ދަނީ ބަލަމުންނެވެ.