ޚަބަރު

ދުބާއީން 5.5 ޓަނުގެ މުދާ ހިފައިގެން މޯލްޑިވިއަން ރާއްޖެ އަތުވެއްޖެ

ދުބާއީން 5.5 ޓަނުގެ މުދާ ހިފައިގެން މޯލްޑިވިއަންގެ ކާގޯ ފުލައިޓް ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވިއަނުން ބުނީ، މިރޭ ރާއްޖެ އައި އެ ފްލައިޓުގައި ގިނައީ ކޮވިޑް 19އާ ގުޅުންހުރި ސިއްހީ ސާމާނު ކަމަށެވެ. މިއީ މި ހަފްތާގެ ތެރޭގައި ދުބާއީން މުދާ ގެނައި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު މޯލްޑިވިއަނުން ވަނީ 7.4 ޓަނުގެ މުދާ ރާއްޖެ ގެނެސްފައެވެ.

ރާއްޖެއަށް ގެންނަންޖެހޭ ކާގޯ މިހާރު ގެންނަމުންދަނީ މޯލްޑިވިއަނުންނެވެ. އެއީ ކޮވިޑް 19އާ ގުޅިގެން އާންމު އުސޫލުން މުދާ ގެނައުމުގައި ދަތިތަކެއް ދިމާވާން ފެށުމުންނެވެ.

އެގޮތުން މޯލްޑިވިއަނުން އަންނަނީ ބެންކޮކްގެ އިތުރުން ދުބާއީ، ކޮލޮމްބޯ، ޓްރިވެންޑްރަމް އަދި ޗެންނާއީއަށް ވެސް ޝެޑިއުލް ކާގޯ ދަތުރުތަކެއް ކޮންމެ ހަފުތާއަކުވެސް ކުރަމުންނެވެ.