ޚަބަރު

ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި މީހެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ގަވާއިދެއް އެކުލަވާލައިފި

ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި ވަކި ފަރާތެއްގެ ނަން ހާމަކުރުމަށް އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ށ)ގެ ދަށުން، އާންމު ސިއްހަތު ރައްކާތެރި ކުރުމަށް މީހެއްގެ ނަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަަށް ފެންނަ ހިނދެއްގައި އެކަން ކުރުމުގެ ބާރު އޭނާއަށް ލިބިގެންވެއެވެ.

ނަމަވެސް އެކަން ކުރެވޭނީ އެކަން ކުރުމުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަމަލު ކުރަންވީ ގޮތުުގެ ގަވައިދެއް އެކުލަވާލައިގެން ކަމަށް އެ މާއްދާގެ (ނ)ގައިވެއެވެ.

ގޮތުން އެ މާއްދާގެ ދަށުން މިއަދުވަނީ، "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނަން ހާމަކުރުމާބެހޭ އުސޫލުތައް ބަޔާންކުރާ ގަވާއިދު"ގެ ނަމުގައި ގަވާއިދެއް އެކުލަވާލައި ގެޒެޓުކޮށްފައެވެ.

އެ ގަވާއިދުގައި ބުނާގޮތުން ވަކި ހާލަތްތަކުގައި ނުރައްކާތެރި ބައްޔެއް ނުވަތަ ގައިންޔަށް އަރާ ބައްޔެއް ފެތުރުނަ ނުދިނުމަށްޓަކައި، ވަކި ފަރާތެއްގެ ނަން އާންމުކޮށް ހާމަކުރުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

ނަމަވެސް އެ ގަވާއިދުގެ ދަށުން އޭނާއަށް ވަކި މީހަކީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހެއްކަން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހެއްކަން އެންގުމުގެ ގޮތުން އާންމުކޮށް ހާމަކުރެވޭނީ އެމީހެއްގެ ފުރިހަމަ ނަމާއި ގައުމީ ނިސްބަތާއި ދާއިމީ އެޑްރެހާއި މިހާރު ދިރިއުޅޭ އެޑްރެހާއި ވަޒީފާ އަދާކުރާނަމަ ވަޒީފާ އަދާކުރާ ތަނާއި ފޮޓޯ އަދި ބަލީގެ ނަން ނުވަތަ ބާވަތް ކަމަށެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން މީހެއްގެ ނަން ހާމަކުރަންވާނީ އާންމު ސިއްހަތު ރައްކާތެރި ނުކުރެވޭނެ މިންވަރަށް އެކަމުގެ ނުރައްކާ ކުރިމަތިވެއްޖެ ހިނދެއްގައި އެ މަގުސަދު ހާސިލުކުރެވޭ މިންވަރަށް އެކަންޏެވެ. އަދި ބައްޔެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކާތެރި ކަމެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ގަބޫލުކުރެވޭނެމަ އެފަދަ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހާގެ ނަން ހާމަކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ގަވާއިދުގައިވާ ގޮތުން، މަރުވެފައިވާ މީހަކު މަރުވެފައިވަނީ، ނުރައްކާތެރި ބައްޔެއް ޖެހިގެން ކަމަށް އެ މީހެއްގެ މަރުގެ ސެޓިފިކެޓުގައި ބުނާނަމަ އަދި އޭނާއަށް ޖެހުނީ އެ ދުވަސްވަރެއްގައި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބައްޔެއް ކަމަށްވާނަމަ، އެ މީހާގެ ނަން ހާމަ ކުރެވޭނެ އެވެ.

ގެ އިތުރުން ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަރަންޓީނު ކުރުމަށް ނުވަތަ އެކަހެރިކުރުމަށް އަންގާފައިވާ މީހަކު އެ އެންގުމާ ހިލާފުވެއްޖެ ހާލަތެއްގައި އެ މީހެއްގެ ފަރާތުން ބަލި ފެތުރިދާނެ ކަމަށް ގަބޫލު ކުރެވޭނަމަވެސް، އެ މީހެއްގެ ނަން ހާމަ ކުރެވިދާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން މިގަވާއިދު އެކުލަވާލައި އަމަލުކުރަން ފަށާފައިމިވަނީ، މާލެއިން ކޮވިޑް 19 ޖެހިފައިވާ މީހަކު ފެނި، މި ބަލި މުޖުތަމައު ތެރެއަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިއުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ކަނޑައަޅައި. މާލޭގެ އެލާޓް ލެވެލް ވެސް ވަނީ ރަތަށް ބަދަލުކޮށްފައެވެ.