މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުއާހަދާ، ކޮޕް 24 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕޮލެންޑަށް ފުރާވަޑައިގެންފި އެވެ.
ޕޮލެންޑުގައި މިހާރު ކުރިއަށްދާ ކޮޕް24 ސަމިޓަށް ފުރާވަޑައިގަތުމުގެ ކުރީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ތިމާވެށްޓަށް ގެއްލުން ނުވާގޮތަށް އިރުގެ ދޯދިން ހަކަތަ އުފައްދައި އެ ހަކަތަ ބޭނުންކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަވީގެ ދޯދިން އުފައްދާ ކަރަންޓު އެންމެ އަގުބޮޑުކޮށްވެސް ދެ ރުފިޔާއަށް އުފެއްދޭ. ދިވެހި ރާއްޖެ ފަދަ ގައުމެއްގައި މިއީ [އެފަދަ ނިޒާމެއް އިމްޕްލިމެންޓް ކުރުން] އެއްވެސް ސުވާލެއް އުފެދޭ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި އެފަދަ ނިޒާމްތަކެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ޓެކްނޮލޮޖީ އާއި އިންވެސްޓްމެންޓުތައް ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބިގެން ދިޔުމަކީ އަމާޒު ކަމަށެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ދެކަމަކަށް އަލިއަޅުއްވައިލައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އިޔާދަކުރަނިވި ހަކަތަ އުފެއްދުމާއި މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ކުރާ އަސަރުތަކުން ރައްކާތެރިވުމަށް ކުރެވޭނެ ކަންތަކުގެ މައްޗަށް މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮޕް24 ސަމިޓް ފަށާފައި ވަނީ މިިދިޔަ ހޯމަ ދުވަހުގައެވެ. މިމަހުގެ 14ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ސަމިޓުގައި ޕެރިސް އެގްރީމެންޓްގައި ހިމެނޭ ކަންކަން ކާމިޔާބު ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާ ގުޅޭ ގޮތުންނާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ގައުމުތަކުން މަޝްވަރާ ކުރާނެއެވެ.