އެސްޓީއޯ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ޑެލިވަރީ ނުކުރެވި ހުރި މުދާ ގޭގެއަށް ގެންގޮސް ދިނުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.
އެގޮތުން އެސްޓީއޯ ސުޕަމާޓުން އޯޑަރު ދީފައިވާ މުދާ ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، އެތަނުގައި ސިފައިންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އެ މަސައްކަތް ކުރަނީ އެސްޓީއޯގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެހެން ގިނަ ފިހާރަތަކުން ޑެލިވެރީގެ ހިދުމަތް ރަނގަޅަށް ފޯރުކޮށް ނުދެވުމުގެ ސަބަބުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެސްޓީއޯއަށް ގާތްގަނޑަކަށް 3000 އޯޑަރު ލިބިފައިވާ ކަމަށެވެ.
ނަމަވެސް މިއީ އެކުންފުނިން ވެސް ދޭން ފެށި އާ ހިދުމަތަކަށްވުމުން ގޮންޖެހުންތަކެއް ދިމާވި ކަމަށާއި އަދި އެސްޓީއޯގެ ސްޓާފުން ވެސް ހިދުމަތް ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެ ހުރިހާ ސްޓާފުންނަށާއި އެމްއެންޑީއެފްގެ އޮފިސަރުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.