ޚަބަރު

ބަންގްލަދޭޝް އިން އެހީ ހިފައިގެން އަންނަ މަނަވަރު މިމަހު 21ގައި ރާއްޖެ އަންނާނެ: އެމްޕީއެލް

އަލީ ޔާމިން

ބަންގްލަދޭޝް އިން އެހީ ހިފައިގެން އަންނަ މަނަވަރު މިމަހުގެ 21 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ކޮވިޑް 19އާ ގުޅިގެން ބަންގްލަދޭޝްއިން ވަނީ ރާއްޖެއަށް 100 ޓަނުގެ ތަކެތި ހަދިޔާކޮށްފައެވެ. ފޮރިން މިނިސްޓްރީން ބުނީ، ބަންގްލަދޭސްއިން ރާއްޖެއަށް ހަދިޔާ ކުރި ތަކެތީގައި ކާޑުގެ ބާވަތްތަކާއި ރާއްޖޭގައި އާންމުކޮށް ކެއުމަށް ބޭނުން ކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކޮވިޑް 19އާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރާ އެކި މެޑިކަލް އާލާތްތައް ހިމެނޭ ކަމަށެވެ. އަދި އެތަކެތި ރާއްޖެ ގެންނަނީ ބަންގްލަދޭޝްގެ ނޭވީގެ މަނަވަރެއްގައި ކަމަށާއި، އެ މަނަވަރު ރާއްޖެ އައުމަށް މިމަހު 15ގައި އެގައުމުން ފުރާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ކަސްޓަމްސް އަދި އެމްޕީއެލް ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ރާއްޖެއަށް ފުދޭވަރަކަށް ގިނަ މުދާ އެބަ އަންނަ ކަމަށާއި އެގޮތުން މިހާރުވެސް ދެ ކޮންޓެއިނަރު ބޯޓެއް ޕޯޓުގައި އެބައޮތް ކަމަށެވެ. އަދި ބަންގްލަދޭޝް އިން އެހީ ހިފައިގެން އަންނަ ބޯޓު މިމަހުގެ 21 ވަނަ ދުވަހު އަންނާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

"މުދާ އެބައާދޭ ފުދޭވަރަކަށް. އެއީ ސަޕްލައި ޗެއިންގެ ތެރެއިން ހަމަ މިހާރުވެސް ދެ ކޮންޓެއިނާ ބޯޓު އެބައޮތް. އަދި އެއް ބޯޓު 24ގައި އެބަ ވަދޭ. އަދި ބަންގްލަދޭޝްގެ އެހީގެ ބޯޓެއް އެބަ ވަދޭ 21 ގައި. ޕެރިޝަބަލް ކާގޯގެ ދެ ބޯޓު މިހާރު ފުރާފަ އެބަވޭ. އެކަތި ވަދެފަ އެބަވޭ. އެހެންމަ ފުދޭވަރަކަށް ގިނަ އަދަދަަކަށް މުދާ އެބަ އާދޭ،" ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއިން ވަނީ މާދަމާއިން ފެށިގެން މުދާ ކްލިއާ ކްރާނެ ގަޑިތައް އިއުލާންކޮށްފައެވެ. އެގޮތުން މުދާ ކްލިއާ ކުރުމުގެ ހިދުމަތް އެ ކުންފުނިން ދޭނީ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ކަމަށް އެކުންފުނިން ބުނެއެވެ.