ޚަބަރު

މިސްކިތްތަކުގެ ޖަމާއަތް މެދުކަނޑާލާނީ އެޗްޕިއޭއިން މޮނީޓަރިން ހާލަތަށް ގެންނަ ރަށްރަށުގައި އެކަނި: އިސްލާމިކް މިނިސްޓްރީ

އައިދާ އަބްދުލް ހަކީމް

މިސްކިތުގެ ޖަމާއަތް މެދުކަނޑާލާނީ ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިން ހާލަތަށް ގެންނަ ރަށްރަށުގައި އެކަނި ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ‏މިވަގުތު، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިސްކިތުގެ ޖަމާއަތް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަށާއި، ޖަމާއަތް މެދުކަނޑާލަން ޖެހޭ ރަށްރަށް އެ މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ.

އެހެންކަމުން އެޗްޕީއޭ އާއި މިނިސްޓްރީން ވަކިގޮތަކަށް އަމަލުކުރަން ނާންގާ ރަށްރަށުގައި ޖަމާއަތް ހަދައިގެން މިހާރުވެސް ނަމާދު ކުރެވޭނެ އެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން، މާލޭ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތަކާއި ރިސޯޓުތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ހުކުރު ކުރުން ހުއްޓުވާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެމުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުން ކޮށްފައެވެ.