މުހައްމަދު މަބްރޫކް އަޒީޒް

ދުނިޔޭގެ އެހެން ގައުމުތަކާއި އަޅައި ބަލާ އިރު ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓް ވަރަށް ގިނަ: މަބްރޫކް

ދުނިޔޭގެ އެހެން ގައުމުތަކާއި އަޅައި ބަލާ އިރު ރާއްޖޭން ޕޮޒިޓިވްވާ މީހުންގެ ކޮންޓްކެޓް ވަރަށް ގިނަ ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މުޖުތަމައު ތެރެޔަށް ކޮވިޑު ފެތުރިފައިވާ މި ހާލަތުގައި، ބަލީގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް މީޑިއާތަކާ އެކު ވީޑިއޯ ކޮންފަރެންސިންކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ މި ބަލި މުޖުތަމައު ތެރެޔަށް ފެތުރުނު ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާ އިރު ބަލި ޖެހޭ މީހުންނާ ސީދާ ބައްދަލުވެފައި (ޑައިރެކްޓް ކޮންޓެކްޓް) ވެފައި ތިބެނީ މަދު ބަޔަކު ކަމަށާއި އެހެން ނަމަވެސް ރާއްޖޭގައި އެ އަދަދު ބިރުގަންނަހާ ގިނަ ކަމަށެވެ.

"މި ބަލި އެންމެ ގަދަޔަށް ފެތުރުނު ބޮޑެތި ގައުމުތަކަށް ބަލާ އިރުވެސް އޭގެން މީހަކު ކޮންޓެކްޓް ވެފަ މި ހުންނަނީ ގިނަވެގެން 30 ވަރަކަޑް މީހުންނަށް. އެކަމަކު ރާއްޖޭގައި މި އަދަދު މި ހުންނަނީ 100 އިން މަތީގައި." މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހެން މި ދިމާވަނީ ތަކުރާރުކޮށް އާދޭހާ އެކު ކަމާ ބެހޭ ހުރިހާ މުއައްސަސާއަކުން ދެމުން އަންނަ އިރުޝާދަށް އަމަލު ނުކުރާތީ ކަމަށެވެ. އެކަމަކު އެ އިރުޝާދު ތަކަށް ބޯ ނުލަނބާ ނަމަ، އެކަން ވެގެން ދާނީ ބަލި ކޮންޓްރޯލު ކުރުމަށް އޮތް ބޮޑު ގޮންޖެހުމަކަށް ކަމަށް ވެސް މަބްރޫކް ފާހަގަކުރެއްވި އެވެ.

މިއަދުގެ ޕްރެސްގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި، މާލޭން އެންމެ ފަހުން ކޮވިޑު ޖެހުނު ދެމީހުންނަށް އެކަނި ބަލާއިރުވެސް އެ ދެމީހުންނާ ބައްދަލުވެފައިވާ 300 ވަރަކަށް މީހުން ތިބި ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފަ އެވެ.

މިކަމާއި ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.