އަލީ ޔާމިން
ލޮކްޑައުންގެ މުއްދަތުގައި ގެނެސްފައި ހުންނަ މުދާތަކަށް ޑެމަރޭޖު ނާރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ޑެމަރޭޖަކީ ބޯޓުން މުދާ ބޭލުމަށް ފަހު މުދާ ކްލިއާ ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ކްލިއާ ނުކުރެވިއްޖެ ނަމަ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދެވެ.
އާންމު އުސޫލުގެ ދަށުން ބޯޓުން މުދާ ނުވަތަ ކޮންޓެއިނަރު ބޭލުމަށް ފަހު 10 ދުވަސް ނުވަތަ 12 ދުވަސް ތެރޭގައި މުދަލަށް ޑެމަރޭޖު އަރަން ފަށާނެއެވެ.
އެމްޕީއެލްއާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީސޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ލޮކްޑައުންގެ މުއްދަތުގައި ގެނެސްފައި ހުންނަ މުދާތަކަށް ޑެމަރޭޖު ނާރާނެ ކަމަށާއި އެހެންކަމުން ކޮންމެހެން ކްލިއާ ކްރަން ޖެހޭ މުދާ ނޫނީ ކްލިއާ ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ލޮކްޑައުން ފެށުނު ހިސާބުން ލޮކްޑައުން ނިމޭ ހިސާބަށް މިހާރު އެތެރެކުރެވިފައި ހުރި އަދި ބޭލިފައި ހުރި ކޮންޓެއިނާތަކަށްވެސް ޑެމަރޭޖު އަރާ މުއްދަތު އަޅުގަނޑުމެން ނުގުނާނަން. އެހެންކަމުން ޑެމަރޭޖު އަރާފާނެތީ ތެޅިގަނެގެން ކޮންމެހެން ނެރެން ޖޭހޭ މުދާ ނޫން އެހެން މުދާތައް ނުނެރުމަށް އިލްތިމާސްކުރަން،" ޝާހިދު ވިދާޅުވިއެވެ.
މާލެ ލޮކްޑައުންކުރުމާއެކު މުދާ ކްލިއާކުރުމުގެ މަސައްކަތް އެމްޕީއެލްއިން މަޑުޖައްސާލައި އޮތުމަށް ފަހު މާދަމާ އެ ހިދުމަތް ފަށާނެ ކަމަށް އެމްޕީއެލުން ބުނެއެވެ. އެގޮތުން މުދާ ކްލިއާ ކުރުމުގެ ހިދުމަތް އެމްޕީއެލްއިން ދޭނީ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. މުދާ ކްލިއާ ކުރުމުގައި ބޭހާއި، ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދަލަށް އިސްކަން ދެވޭނެ ކަމަށްވެސް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލްއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އެގޮތުން އެމްޕީއެލްގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށް ކުންފުނީގެ ސީއީއޯ ޝާހިދު ވިދާޅުވެއެވެ.