ކްލިއަރަންސްގައި އިސްކަންދޭނީ ބޭހާއި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ މުދަލަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނިފިއެވެ.
އެމްޕީއެލްއާ މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، މާލެ ލޮކްޑައުންކުރުމާ ގުޅިގެން މި ދެ ދުވަހު މުދާ ކްލިއާ ކުރުމުގައި ވަރަށް ބޮޑު ލަސްތަކެއް އައިސްފައިވާ ކަމަށެވެ. ނަމަވެސް މާދަމާއިން ފެށިގެން އަނެއްކާވެސް މުދާ ކްލިއަރެންސްގެ މަސައްކަތް ފަށާނެ ކަމަށާއި މުދާ ކްލިއާ ކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މުދާ ކްލިއަރެންސްގެ މަސައްކަތް ފަށާއިރު އަޅުގަނޑުމެން އިސްކަން ދޭނަން ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތަކާއި އަދި އެނޫންވެސް ކޮންމެހެން މުހިންމު ބާވަތްތަކަށް އިސްކަންދޭ އުސޫލަކުން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ޝާހިދު ވިދާޅުވިއެވެ.
ރޯދަ މަހުވެސް މުދާ ކްލިއަރެންސްގެ ހިދުމަތް ދޭނީ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ކަމަށް އެމްޕީއެލުން ބުނެއެވެ.
ޝާހިދު ވިދާޅުވީ، މުދާ އެތެރެކުރާ ފަރާތްތަަކުން މުދާ ބަލާ އަންނައިރުވެސް ވީހާވެސް މަދު މީހުން އައުމަށް އިލްތިމާސްކުރާ ކަމަށާއި، މިދުވަސްވަރު އެމްޕީއެލްއިންވެސް މަސައްކަތް ކުރާނީ ވީހާވެސް މުވައްޒަފުން މަދުކޮށްގެން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
މިއީ ހާއްސަ ހާލަތަކަށްވާތީ މުދާ ކްލިއާ ކުރުމުގައި އާންމު ހާލަތަށް ވުރެ ލަސްވުން އެކަށީގެންވާ ކަމަށާއި ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް މުދާތައް ކްލިއާ ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެމްޕީއެލްގައި ކްލިއާ ކުރަން ގިނަ އަދަދެއްގެ މުދާ ހުރިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ޕެރިޝަބަލް މުދާވެސް ހިމެނެއެވެ.
އެމްޕީއެލްގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށާއި، އެހެންކަމުން ކޮންމެހެން އައިސްގެން ހޯދަން ޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ޝާހިދު ވަނީ އިލްތިމާސްކުރައްވައިފައެވެ.