އާދޭސްކޮށްކޮށް ވެސް ފާއިތުވިތަނުގައި ރައްޔިތުން ބަސް ނޭހި ކަމަށާއި އުޅުނީ މަޖާ ކުރުމުގައި ކަމަށާއި ދެންވެސް ސަލާމަތެއް އޮތީ ބަސް އަހައިގެން ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މުޖުތަމައު ތެރެޔަށް ކޮވިޑު ފެތުރިފައިވާ މި ހާލަތުގައި، ބަލީގެ އެންމެ ފަހުގެ މައުލޫމާތު މީޑިއާތަކަށް ދިނުމަށް މީޑިއާތަކާ އެކު ވީޑިއޯ ކޮންފަރެންސިންކޮށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މަބުރޫކް ވިދާޅުވީ ބަސް ނާހައިފި ނަމަ ނުވަތަ ސިއްހީ މާހިރުން އެދެއްވާ އިރުޝާދުތަކުގެ ބަސް ނާހައިފި ނަމަ ހާލަތު ގޯސް ވެދާނެ ކަމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވަމުން ވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް ފެންނަމުން ދިޔައީ އެ ނަސޭހަތްތަކަށް އަދި އިލްތިމާސްތަކަށް ވެސް އަމަލު ނުކުރިތަން ކަމަށެވެ.
މަބުރޫކް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ދެމުން އައި ނަސޭހަތް އަޑު އެހި ނަމަ، މީހެއްގެ ގައިން އަދި ބަލި ފެނުނަސް، މިހާ ގިނަ މީހުންނާ އެމީހުންނާ ބައްދަލުވެފައި ނުހުންނާނެ ކަމަށާއި އޭރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ކޮންޓެކްޓް ޓްރޭސިން ހަދަން ވަރަށް ބޮޑަށް ފަސޭހަ ވީސް ކަމަށެވެ.
"އެކަމަކު ކަންތައް ވެފައޮތީ އެހެނެއް ނޫން. މަގުމަތީން ވެސް ފެންނަމުން ދިޔައީ މުޅީން އެހެން ކަހަލަ މަންޒަރުތަކެއް. ބުރުޖަހަން ދިއުމާ ބޭރުގަ އުޅުމާ ދަތުރުދިއުން ފަދަ ކަންކަމަށް ހުއްޓުމެއް ނައި. މިއަދު މިހާލަތު މި އޮތީ ފާއިތުވި ދުވަސްތަކުގައި ދިން އިރުޝާދު އަޑު ނޭހީމަ." މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެދިޔަ ތަނަށް ކުރެވޭނެ ކަމެއް ދެން ނެތް ކަމަށާއި، މިހާރު މިއޮތީ ބަލި މުޖުތަމައު ތެރޭން ފެނި އެމީހުންނާ ވެސް އެތައް ސަތޭކަ ބަޔަކާ ބައްދަލުވެފައި ކަމަށެވެ. އެކަމަކު ކުރިޔަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެންނަށް ސަލާމަތެއް އަދި ރައްކާތެރިކަމެއް އޮތީ މިހާ ހިސާބުން ދެން ކުރިޔަށް އޮތް ތަނުގައި ވެސް ބަސް އަހައިގެން ގޭގައި ތިބެގެން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑު 19 ޖެހިފައިވާ ފުރަތަމަ މީހާ (ކޭސް 21) މާލެ ތެރޭން މިދިޔަ ބުދަ ދުވަހު ފެނިފައިވާ އިރު، މި ބަލި ޖެހިފައިވާ އިތުރު ހަތް މީހުން މިދިޔަ ދެ ދުވަސް ތެރޭ ވަނީ ފެނިފަ އެވެ.
މިކަމާއި ގުޅިގެން، މާލޭގައި ނުރައްކަލުގެ ހާލަތު ރަތަށް އަރުވާފައިވާއިރު، މުޅި ރާއްޖެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އަދި މާލޭ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކޮށް އެކަންވެސް އެޗްޕީއޭއިން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.