އަލީ ޔާމިން
ރޯދަ މަހުވެސް މުދާ ކްލިއަރެންސްގެ ހިދުމަތް ދޭނީ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެމްޕީއެލްގެ ޕޯޓުގައި ހުރި މުދާތައް ކްލިއާ ކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށާއި، މުދާ ކްލިއާކުރުމުގެ މަސައްކަތް ކުރާނީ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ކަމަށެވެ. އަދި މުދާ ކްލިއާ ކްރާއިރު ބޭހާއި ކާބޯތަކެއްޗަށް އިސްކަންދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މުދާ ކްލިއަރެންސްގެ މަސައްކަތް ފަށާއިރު އަޅުގަނޑުމެން އިސްކަން ދޭނަން ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތަކާއި އަދި އެނޫންވެސް ކޮންމެހެން މުހިންމު ބާވަތްތަކަށް އިސްކަންދޭ އުސޫލަކުން އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ، ރޯދަ މަހުވެސް އެމްޕީއެލްއިން މުދާ ކްލިއާކުރުމުގެ ހިދުމަތް ދޭން ނިންމާފައިވަނީ ހަމަ އެގަޑިތަކުގައި ކަމަށާއި، ނަމަވެސް ހާލަތަށް ބަލައި ގަޑިތައް އިތުރުކުރަންވެސް ޖެހިދާނެ ކަމަށެވެ. ގަޑިތައް އިތުރު ކުރާނީ ރާއްޖެއަށް މުދާ ގެންނަ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.
"ރޯދަމަސްވެސް ވަރަށް ކައިރި. އެހެންކަމުން އަޅުގަނޑުމެން އާންމުކޮށް އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ރޯދަ މަހުގެ ގަޑިތަކަށް ބަދަލު އަންނާނެ. އެހެންނަމަވެސް އަޅުގަނޑުމެން މި ފަށައިގަންނަ ގަޑިތައް ހަމަ ރޯދަ މަހުވެސް ކުރިއަށް ގެންދެވޭތޯ ބަލާނަން،" ޝާހިދު ވިދާޅުވިއެވެ.
އެމްޕީއެލްގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބެން ހުންނާނެ ކަމަށާއި، އެހެންކަމުން ކޮންމެހެން އައިސްގެން ހޯދަން ޖެހޭ ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ޝާހިދު ވަނީ އިލްތިމާސްކުރައްވައިފައެވެ. ލޮކްޑައުންގެ މުއްދަތުގައި އެމްޕީއެލްއިން މަސައްކަތް ކުރާނީ ވީހާވެސް މަދު މުވައްޒަފުން ބޭނުންކޮށްގެން ކަމަށާއި، އެހެންކަމުން ބައެއް ހިދުމަތައް ދިނުމުގައި ކުރިއަށް ވުރެ ލަސްވުން އެކަށީގެންވާ ކަމަށް އެމްޕީއެލްއިން ބުނެއެވެ.