މުހައްމަދު މަބްރޫކް އަޒީޒް

ކޮވިޑް 19 : ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ވަރުގެ އަލާމާތް ފެންނަނީ %20 މީހުންގެ ގައިން: މަބްރޫކް

ރާއްޖޭގައި ކޮވިޑު ބަލި ޖެހޭ މީހުންގެ ފުށުން ފެންނަ އަލާމާތްތަކަށް ބަލާ އިރު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދޭން ޖެހޭ ވަރުގެ އަލާމާތްތައް ފެންނަނީ 20 ޕަސެންޓު މީހުންގެ ހަށިގަނޑުން ކަމަށް ކޮވިޑުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، ބޭއްވި ނިއުސްކޮންފަރެންސްގައި ކޮވިޑް 19 އާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަބުރޫކް ވިދާޅުވީ، ކުރިއަށް މިއޮތީ އިތުރުބަޔަކު ކޮވިޑް 19 އަށް ޕޮސިޓިވް ވުމުގެ ފުރުސަތު އޮތް ދުވަސްތަކެއް ކަމަށެވެ.

ނަމަވެސް ކޮވިޑް ޖެހޭ ގިނަބަޔަކު ޖެހޭނީ ކަރަންޓީންގައި ބައިތިއްބަން ކަމަށާއި، މިހާރު ހުރި ޑާޓާތަކުން ދައްކާ ގޮތުގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދޭންޖެހޭނެ ކަމަށް ބެލެވެނީ ޕޮޒިޓިވްވާ މީހުންގެ 20 ޕަސެންޓް މީހުން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އޭގެ ތެރެއިން ގޭގައި ކަރަންޓީނު ނުކުރެވޭ މީހުން ފެސިލިޓީތަކަށް ގެންދާނެ ކަމަށާއި، އަދި އެފަރާތްތަކުން އޮތީ އެކަމަށް ތައްޔާރަށް ކަމަށާއި، އެނދުތައްވެސް ފުދޭވަރަކަށް ތައްޔާރަށް ހުރިކަމަށެވެ.

އެގޮތުން ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ހުޅުމާލެ މެޑިކަލް ފެސިލިޓީވެސް ހުޅުވޭނެކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު މިހެން ވިދާޅުވިއިއިރު، ކޮވިޑް 19 އާއި ގުޅިގެން ހަދާފައި އޮތް ދިރާސާއިން ދައްކާ ގޮތުގައި ކުރިއަށް އޮތް 14 ދުވަހު ރާއްޖޭގައި މިބަލި ޕީކަށް އަރާނެ ކަމަށާއި ކުރިޔަށް އޮތީ ސީރިއަސް ދުވަސްތަކެއް ކަމަށް ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

މި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ނަޒްލާ ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން ކުރިން ރާއްޖޭގައި ހެދި މޮޑެލިންގް އަށް ފުރަތަމަ ކޮމިއުނިޓީ ކޭސްތައް ފެނުމާއެއްކޮށް އެ ކޭސްތައް ލައިގެން އިތުރު މޮޑެލިންއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

އަދި އޭގެން ދައްކާގޮތުން ނަމަ ފުރަތަމަ ކޮމިއުނިޓީ ކޭސްއެއް ފެންނަތާ ގާތްގަނޑަކަށް 14 ދުވަސްތެރޭ ޕީކަށް ދާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.