އިބްރާހިމް ޒަކީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި، އޮންލައިންކޮށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން މަބުރޫކް ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރަމުން އައި މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެކަމާ ބެހޭގޮތުން އިތުރު ތަފްސީލް ދެއްވަމުން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެއާޕޯޓުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މިހާ އަކީ، ކޮވިޑް 19 އަށް މާލޭން ފުރަތަމަ ޕޮޒިޓިވްވި (ކޭސް 21) އާ ގުޅިގެން އައިސޮލޭޓްކޮށް ޓެސްޓް ހެދި މީހުންގެ ތެރެއިން މީހެއް ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ފުރަތަމަ މީހަކު މާލޭން ކޮވިޑް 19 ޕޮޒިޓިވްވުމާ ގުޅިގެން، މިހާތަނަށް އައިއިރު، މާލޭން އަށް މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.
މާލެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް އަރާފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 28 އަށް އަރައިފައެވެ. އޭގެ ތެރެއިން މިހާތަނަށް 16 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، ދެ މީހަކު ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރި ފަހުންނެވެ. ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ ދިހަ ދިވެއްސަކަށެވެ.
މާލެއިން ކޮވިޑް 19 އަށް މީހަކު ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ބުދަ ދުވަހުއެވެ. ޕޮޒިޓިވްވި އެ އަންހެން މީހާ (ކޭސް 21) ގެ ތުއްތު ދަރިފުޅުު (ކޭސް 22) ވެސް ކޮވިޑަށް ޕޮޒިޓިވްވިކަން އެދުވަހު އެނގުނެވެ.
މުޖުތަމައު ތެރެއަށް ކޮވިޑް 19 ފެތުރުމާ ގުޅިގެން މިދިޔަ ބުދަ ދުވަހު މާލެ ލޮކްޑައުން ކުރުމަށްފަހު އެމުއްދަތު މިހާރު 14 ދުވަހަށް އިތުރުކޮށްފައިވާ އިރު، މިހާރު ވަނީ މުޅި ރާއްޖެ ވެސް ލޮކްޑައުން ކޮށްފައެވެ.