ޚަބަރު

ބީއެމްއެލް އެކައުންޓުތައް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވަން ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް އެދިއްޖެ

މަރިޔަމް ޝަހުދާ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުތައް މެދުވެރިކޮށް ރާއްޖޭން ބޭރަށް ފައިސާ ފޮނުވަން ބޭނުންވާ މީހުން ރަޖިސްޓްރީ ވުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

ފޮރިން މިނިސްޓްރީން މިކަން އާންމު ކޮށްފައިވަނީ އެ މިނިސްޓްރީން ކުރި ޓުވީޓެއްގައެވެ.

އެގޮތުން https://register.foreign.gov.mv/index.php/en/consular/money-transfer-request-form މެދުވެރިކޮށް މި ހިދުމަތަށް ރަޖިސްޓްރީ ވެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ ބީއެމްއެލްގެ ނަންބަރު 3330200 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް ފޮރިން މިނިސްޓްރީން އެދިފައިވެއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މިއީ ވަކި ރެޖިސްޓްރޭޝަނެއް ކަމަށެވެ. އަދި ކުރިން އެކި ކޮންސިއުލާތަކާއި، އެމްބަސީތަކުގައި ރަޖިސްޓްރީވި މީހުންވެސް މި ހިދުމަތް ބޭނުންވާ ނަމަ އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް މިއުވާނު ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭން ބޭރުގައި ތަފާތު ދަތިތަކާ ކުރިމަތިވެފައިވާ ދިވެހިންނަށް ބޭންކިން ހިދުމަތް ހޯދުމުގައި އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން އިއްޔެގެ ވަގުތެއްގައި ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭ ގޮތް ބީއެމްއެލް އިން ވަނީ ހަމަޖައްސައިފައެވެ. އަދި މި ހިދުމަތް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށްވެސް ވަނީ އެދިފައެވެ.