ޚަބަރު

ދުނިޔެއަށް ކުރިމަތިވެފައިވާ ހިތާމަވެރި މި ވަގުތުގައި، ހެޔޮއަމަލުތައް އިތުރު ކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެ

އިބްރާހިމް ޒަކީ

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި، އަދި ހިތާމާވެރި ވަގުތުގައި، ހެޔޮއަމަލުތައް އިތުރު ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅިގެން މުޅި ގައުމު ލޮކްޑައުންގައި އޮތުމުން މިއަދުގެ ހުކުރު ހުތުބާ ޓީވީތަކުން ފުރަތަމަ ފަހަރަށް ގެނަސްދީފައިވަނީ ރެކޯޑްކޮށްގެންނެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އިއްވެވި މި ހުތުބާގައި ބުނެފައިވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި، އަދި ހިތާމާވެރި ވަގުތުގައި ހާއްސަކޮށް ކުރިއަށްވުރެ ބޮޑަށް ދީލަތިވެ، ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ، ސަދަގާތްކޮށް، ހޭދަކުރުމަށް އަވަސްވެގަންނަންޖެހޭ ކަމަށެވެ.

މިގޮތުން ހާލުގައި ޖެހިފައިވާ މީހުންނާއި، ތިމާގެ އާއިލާ އާއި ގާތް ތިމާގެ މީހުންނަށް ހޭދަކުރުމަށް ވަރަށްބޮޑަށް ސަމާލުކަންދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

ސިއްހަތާއި އުމުރުގެ ގޮތުން ބަލާއިރު އެކި މީހުންގެ ހާލަތު ތަފާތުވާނެ ކަމަށާއި އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލު ކުރުމުގައި ހީވާގިވުމަށްވެސް ހުތުބާގައި އިރުޝާދު ދެއްވާފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ މި ހިނގާ ޝައުބާން މަހަކީ ހާއްސަ މަހެއް ކަމަށާއި އޭގެ ތެރޭގައި ރަމަޟާން މަހަށް މަރުހަބާ ކިޔައި ތައްޔާރުވަމުން އަންނަ މައްސަރެއްގެ ގޮތުގައި ހިމެނޭ ކަމަށެވެ.