ރ. ހުޅުދުއްފާރުގައި ވައްކަން ކުރި ކަމަށް ބުނެ އެރަށު ޒުވާނަކަށް އަނިޔާކޮށް ރަށުތެރޭ ގަން ހިންގުވި މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 18 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެގޮތުން އެރަށުގެ ފަސް މީހުން ހިމެނޭ ގްރޫޕަކުން 18 އަހަރުގެ ޒުވާނާ ރަށުގެ އުތުރު ފަރާތު މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް އަނިޔާކޮށް ބޮލުން ބައެއް ބާލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެ ފިރިހެން މީހާގެ ފޯނު މޫދަށް އެއްލާލުމަށްފަހު، އެމީހާ ބަރަކަނާކޮށް ބޮކްސާގައި ރަށުތެރޭގައި ހިންގުވައި، އާއިލާ ކައިރިއަށް ގެންދިޔަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އަންގާރަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަސް މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށެވެ. މި މައްސަލައާ ގުޅިގެން ބުދަ ދުވަހު ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހަކާއި 30 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް އަދި 32 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ގެންދިއުމުން 24 އަހަރުގެ މީހަކަށާއި 25 އަހަރުގެ މީހާގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖެހި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި 24 އަހަރުގެ އަނެއް މީހާ އާއި 30 އަހަރުގެ މީހާ އަދި 32 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ދިން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި އަނިޔާ ލިބުނު 18 އަހަރުގެ ޒުވާނާ ވައްކަން ކުރި ކަމަށް ބުނާ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ފުލުހުންނަށް ހުށަހަޅާފައިވަނީ އޭނާއަށް އަނިޔާ ކުރި މައްސަލަ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.