ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅުންހުރި މައުލޫމާތު ވަޒީރުންނަށް އަރުވައިފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން އިސްނަންގަވައިގެން އިއްޔެ ކުރިއަށް ގެންދިޔަ އެ ސެޝަނަކީ ހުރިހާ އިންތިޚާބީ އަދި އައްޔަނު ކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޕްރޮގްރާމްތައް ހިންގުމުގެ ވައުދާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ސެޝަންގައި، ދައުލަތުގެ ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ތިމާވެށީގެ މިހާރުގެ ހާލަތާއި، ރާއްޖޭގެ ތިމާވެށީގައި ހިއްސާވާ އެކިއެކި ދިރުންތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތަކާއި، ތިމާވެއްޓަށް ކުރިމަތިވާ ނުރައްކަލާއި، އެކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާ ބެހޭ މައުލޫމާތު ވަނީ ހިއްސާ ކުރައްވައިފައެވެ.