ޚަބަރު

ރައީސް ސޯލިހު ކޮވިޑް 19އާއި ގުޅޭ ގޮތުން އދ. ގެ ސެކްރެޓަރީ ޖެނެރަލާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ފޯނުން ގުޅުއްވައި ކޮވިޑް 19 އާއި ގުޅިގެން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސް ސޯލިހު ފޯނު މެދުވެރިކޮށް އެންޓޯނިއޯ އާއި ގުޅުއްވައިގެން މަޝްވަރާ ކުރެއްވީ ރޭގެ ވަގުތެއްގައި މުލިއާގޭގައި ހުންނަވައިގެންނެވެ.

މި ދަނޑިވަޅުގައި އެންޓޯނިއޯ ދައްކަވަމުން ގެންދަވާ ހިކުމަތްތެރިކަމަށް ރައީސް ސޯލިހު ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ދަނޑިވަޅުގައި ރާއްޖެއިން އަޅާމުން އަންނަ ފިޔަވަޅުތަކާއި އަމަލު ކުރަމުން ގެންދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިފަދަ ދަނޑިވަޅެއްގައި އދ އިން ރާއްޖޭގެ އިތުރުން ރާއްޖެފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުންނާއި އެފަދަ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިދިޔަ މާޗް މަހު ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19 އަށް މީހަކު ޕޮޒިޓިވް ވި ކޭސް ރިޕޯޓު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ރައީސް އެންޓޯނިއޯ އާއި ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާނު ކޮށް، ރާއްޖޭގެ ބޯޑަރު ކޮންޓްރޯލުކޮށް، ސްކްރީންކުރުމާއި ކަރަންޓީންކުރުމުގެ ފިޔަވަޅުތައް އަޅައި މަސް ދުވަސް ވަންދެން އާންމުންގެ ތެރޭ ބަލި ފެތުރުނަ ނުދީ ހިފެހެއްޓިފައިވާކަން ރައީސް ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މިހާރު ސަރުކާރުގެ އަމާޒަކީ މި ބަލި އިތުރަށް ފެތުރުނަ ނުދީ ހިފެހެއްޓުން ކަމަށް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މީގެ އިތުރުން ކޮވިޑްގެ ސަބަބުން ގެއްލުންވެފައިވާ ކުދި އަދި މެދު ފަންތީގެ އިގްތިސާދުތަކަށް އެހީވުމަށް ”ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑް“އެއް އދ. އިން ގާއިމު ކުރައްވާފައިވާތީ އެކަމަށް ރައީސް ސޯލިހު މަރުހަބާ ދެންނެވި ކަމަށާއި މި ފަންޑު މެދުވެރިކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް އެދެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެ ފަދަ ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާވެފައިވާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި މިފަދަ ނާޒުކު އިގްތިސާދު ހިމެނޭ ގައުމުތަކުން ނަގާފައިވާ ދަރަނިތައް އަދާ ކުރުމަށް ލުއި ގޮތްތަކެއް ހޯއްދުމަށް އެންޓޯނިއޯގެ އިސްނެންގެވުމާއެކު އދ އިން ކުރަމުން އަންނަ މަސައްކަތްތަކަށްވެސް ރައީސް މަރުހަބާ ދެންނެވިއެވެ.